ސަރުކާރުން ކުރާ ރަނގަޅު ކަންކަމަށް އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ދޭން ވާނެ ކަމަށާއި ގައުމު އިސްކުރުމަކީ އެއީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 

އއ. އުކުޅަކަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުތަކާ ވަކިން އެ ރަށުގައި ބޭއްވި ޕީއެންސީގެ ފޯރިގަދަ ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ، އެ މަނިިކުފާނަށް އެންމެ މުހިންމީ އަމިއްލަ އެޖެންޑާ ނޫން ކަމަށެވެ. އޭގެ ބަދަލުގައި އިސްކަން ދެއްވަނީ ގައުމަށް ކަމަށް ވިދާޅުވި އެވެ. 

އެކަމަކު ރައީސް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަނީ އެ މަންޒަރު ނޫން ކަމަށެވެ. 

ޕީއެންސީން އުކުޅަހުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ޕީއެންސީ
ޕީއެންސީން އުކުޅަހުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ޕީއެންސީ

"އަޅުގަނޑުމެންގެ ގައުމުގައި މިހާރު އޮތް ސިޔާސީ މާހައުލަށް ބަލާއިރުގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މިދެންނެވި ގޮތަށް ކަންތައްތައް ކުރާ ތަނެއް ނޫން އެހެން ފަރާތްތަކުން. ގައުމު އިސްނުކުރޭ. ގައުމު އިސްކުރާ ތަނެއް ނުފެނޭ،" ރައީސް ވިދާޅުވި އެވެ. 

"ގައުމަށް ރަނގަޅު ކަންތައްތަކެއް މި ސަރުކާރުން ކުރާ ކަމަށް ވަންޏާ ރައްޔިތުންނަށް ރަނގަޅު ކަންތައްތަކެއް ފޯރުކޮށްދޭ ކަމަށް ވަންޏާ އެ ކަންކަމަކީ ހަމަ ރަނގަޅު ކަންތައްތައް. އެ ކަންކަމަށް އިދިކޮޅު ފަރާތްތަކުން ސިޔާސީ ފަރާތްތަކުން ޖެހޭނެ އެއްބާރުލުން ދޭން. އެއީ ގައުމު އިސްކުރާ ނަމަ އެކަން ކުރަންޖެހޭނެ ގޮތަކީ."

ޕީއެންސީން އުކުޅަހުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ޕީއެންސީ
ޕީއެންސީން އުކުޅަހުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ޕީއެންސީ

ރައީސް ވިދާޅުވީ، އެއާ ހިލާފަށް ރަނގަޅަށް ޑިމޮކްރެސީ ހިންގާ ގައުމުތަކުގައި އެ ގައުމަށް ފައިދާ ހުރި ކަންތައްތަކުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކިޔަނީ އެކައްޗެއް ކަމަށެވެ. އަދި ސަރުކާރުން ކުރާ ކަންކަމަށް އެ ގައުމުތަކުގައި ފާޑުކިޔާއިރު ބުނަނީ އެ އަށް ވުރެ ރަނގަޅަށް އެ ފަރާތުން އެ ކަމެއް ކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އެއީ ޒިންމާދާރު ސިޔާސީ ހަރަކާތް ހިންގާ ގޮތަކީ. އިދިކޮޅުގައި އޮންނަ ފަރާތްތަކަކީ ޒިންމާދާރު ފަރާތްތަކެއް ކަމަށް ވަންޏާ މަސައްކަތް ކުރާނީ އެ ގޮތަށް. އެހެން ނަމަވެސް މި ގައުމުގައި ހިނގަނީ އެގޮތަކަށް ނޫން ކަން ހުރިހާ ފަރާތްތަކަށް އެބަ އެނގޭ."

ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިދިކޮޅު ފަރާތްތަކުގެ ފަރާތުން އިހުލާސްތެރިކަން ނުފެންނަ ކަމަށާއި ޒިންމާދާރުކަމެއް ވެސް ނުފެންނަ ކަމަށެވެ. އެހެންވެ، އަމިއްލަ ސިކުނޑިން ވިސްނައިގެން، ލޯހުޅުވައިގެން ތިބުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ. 

ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާރު ސިޔާސީ އެއްވެސް ކަމަކަށް ހުރަހެއް ނެތް ކަމަށާއި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ހުރިހާ ކަމަކަށް ޖާގަ ލިބޭ ކަމަށެވެ. 

"އެއްވެސް ވަރަކަށް ކުރީގައި ފެނުނު ގޮތަށް އެއްވެސް ބަދަލުހިފުމުގެ ރޫހެއް މި ސަރުކާރުން އިސް ނުކުރޭ، ނުވެސް ކުރާނެ. އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން އެއީކީ،" ރައީސް ވިދާޅުވި އެވެ. 

"އެހެންވީމާ ބަދަލުހިފުމުގެ ރޫހު އެއްކޮށް ނައްތާލައި، ސިޔާސީ ހަމަނުޖެހުމުގެ ރޫހު އެއްކޮށް ދުއްވާލައި، ވަރަށް ހަމަޖެހޭ، ސްޓޭބަލް ވަރަށް ޒިންމާދާރު ސިޔާސީ މާހައުލެއް ގާއިމް ކުރުމަށްޓަކައި މި ޕާޓީން އިސް ނަގައި، މި ސަރުކާރުން މި ކުރާ ކަންކަމަކީ ހަމަ އެންމެން ވެސް ހުރިހާ ތަޣައްސުބެއް އެއްކައިރި ކޮށްލާފައި ގައުމީ ވިސްނުމުން ވިސްނައިފިއްޔާ ހަމަ އެންމެން އެއްބަސްވާނެ ކަންތައްތައް."

2028 ގެ ދެވަނަ ކުއާޓަރާ ހަމައަށް ދާއިރު ވައުދުތައް ފުއްދޭނެ

އުކުޅަހުގެ ޖަލްސާގައި ރައީސް ވަނީ ތަރައްގީގެ މަޝްރޫއުތަކާއި އެ މަނިކުފާނު ވެވަޑައިގެންފައިވާ އަދި މިހާރު ވެސް ވައުދުވެވަޑައިގަންނަވާ ވައުދުތަކުގެ މައްޗަށް އަލިއަޅުވާލައްވައިފަ އެވެ. 

ރައީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނު ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވަނީ ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކާ ހެދި ކުރިމަތިވާ ގޮންޖެހުންތަކާ ވެސް އެކުގަ އެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ ވައުދާއި ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ވަކިން ރައީސް ފާހަގަކުރެއްވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ފުރިހަމަ ކާމިޔާބީއެއް 2028 ގެ ދެވަނަ ކުއާޓަރާ ހަމައަށް ދާއިރު ފެންނަން ފަށާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ޕީއެންސީން އުކުޅަހުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ ބައެއް އިސްވެރިން އަދި އެ ރަށުގެ ބައެއް ސަޕޯޓަރުން.---ފޮޓޯ: ޕީއެންސީ
ޕީއެންސީން އުކުޅަހުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ ބައެއް އިސްވެރިން އަދި އެ ރަށުގެ ބައެއް ސަޕޯޓަރުން.---ފޮޓޯ: ޕީއެންސީ

ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވަނީ ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކާ ހެދި ކުރިމަތިވާ ގޮންޖެހުންތަކާ ވެސް އެކުގައި ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ ވައުދާއި ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ވަކިން ރައީސް ފާހަގަކުރެއްވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި ވައުދުތަކުގެ ތެރެއިން 2028 އާ ހަމައަށް ދާއިރު ކޮންމެ ރަށެއްގައި ނިމޭނެ "ކޮމަން ލިސްޓެއް" އެ މަނިކުފާނު ގެންގުޅުއްވަ އެވެ. 

"... އޭގައި އިތުރަށް ހުންނާނީ ކޮންމެ ރަށަކަށް މުހިންމު އެ ރަށެއްގެ އެންމެ ޕްރިއޮރިޓީ، އެންމެ އިސްކަންދޭނެ މަޝްރޫއުތައް. މިސާލަކަށް މި ރަށަށް [އުކުޅަސް] ބަލައިފިއްޔާ ވަކި މަޝްރޫއުތަކެއް ހުންނާނީ. މިތާނގެ ކައިރީގެ އެހެން ރަށްރަށަށް ބަލާއިރު ވެސް މި އަތޮޅުގެ އެހެން ރަށްތަކަށް ބަލާއިރު ރަސްދޫގައި ވެސް ދެން ހުރިހާ ރަށެއްގައި ވެސް މި އަތޮޅުގައި ވެސް ކޮންމެ ރަށަކަށް މުހިންމު މަޝްރޫއުތައް. މުޅި ރާއްޖޭގައި ވެސް ހުންނާނީ އެ ގޮތަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ޕީއެންސީން އުކުޅަހުގައި ރޭ ބޭއްވި ޖަލްސާގައި ސަރުކާރުގެ ބައެއް އިސްވެރިން އަދި އެ ރަށުގެ ބައެއް ސަޕޯޓަރުން.---ފޮޓޯ: ޕީއެންސީ
ޕީއެންސީން އުކުޅަހުގައި ރޭ ބޭއްވި ޖަލްސާގައި ސަރުކާރުގެ ބައެއް އިސްވެރިން އަދި އެ ރަށުގެ ބައެއް ސަޕޯޓަރުން.---ފޮޓޯ: ޕީއެންސީ

އެ މަނިކުފާނު ވިދާޅުވީ، ހުރިހާ ރަށެއްގައި ނިންމާނެ މަޝްރޫއުތަކުގެ އިތުރުން އެ ރަށެއްގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމަށް އިސްކަންދީގެން ކުރިއަށް ގެންގޮސްދޭން ވަނީ ޕްލޭންކޮށްފައި ކަމަށެވެ. އެ މަޝްރޫއުތައް މި ވެރިކަމުގެ ދައުރުގެ ތެރޭގައި ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް މުއިއްޒު ދެއްވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުތަކުގެ ތަފުސީލްތައް ކަމާގުޅޭ މިނިސްޓްރީތަކާއި ކުންފުނިތަކުން ރައްޔިތުންނާ ހިއްސާ ކުރަމުން ގެންދާނެ އެވެ.