އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް އަނެއްކާވެސް ވާދަކުރަން ނިންމިކަން ރާއްޖެ އިން އިއުލާންކޮށްފި އެވެ.
އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 2028 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރުގެ ނިޔަލަށް ހިނގާ ދައުރުގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަކުރަން ނިންމިކަން އިއުލާން ކުރެއްވީ އެ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.
އދ. ގެ ސަލާމަތީ މަޖިލިސް ފިޔަވައި ގައުމުތަކުގެ މެދުގައި އެންމެ ވާދަވެރިކަން ބޮޑު އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ރާއްޖެއިން ވާދަކުރަން ނިންމިއިރު، އެ ކައުންސިލްގެ މެމްބަރުކަން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ރާއްޖެ އިން އަދާކުރި އެވެ.
އެގޮތުން 2011 އިން ފެށިގެން 2013 އާއި 2014 އިން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް އަދި 2023 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ވެސް ރާއްޖެ އިން އެ ކައުންސިލްގެ މެމްބަރުކަން އަދާކުރި އެވެ.
ރާއްޖެ ވަނީ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްކަން ކުރިން އަދާކޮށްފަ އެވެ.