އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެއީ އދ. ގެ އާއްމު މެމްބަރަކަށް 1965 ވަނަ އަހަރުވުމަށް ފަހު، މިވީ 61 އަހަރުގެ ތެރޭގައި އިކޮސޮކް އަށް ރާއްޖެ އިންތިހާބުވި ފުރަތަމަ ފަހަރު ކަމަށެވެ.

އެ މަޖިލީހުގައި ރާއްޖޭގެ ދައުރު ރަސްމީކޮށް ފެށޭނީ އާ އަހަރާ އެކު ޖެނުއަރީ، 2027 ގަ އެވެ. އަދި ދެ އަހަރުގެ ދައުރު ހަމަވާނީ ޑިސެމްބަރު 31، 2029 ގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ އިންތިހާބު ކާމިޔާބުކުރީ 183 ވޯޓުން ކަމަށެވެ. އޭޝިއާ ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައިވާ ތިން ގޮނޑިއަށް ރާއްޖެއާ އެކު ދެން ހޮވުނީ މެލޭޝިއާ އަދި ސައުތު ކޮރެއާ އެވެ.

އެ ކާމިޔާބީއާ ގުޅިގެން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ އިކޮސޮކް އަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވުމަކީ ގައުމަށް ލިބުނު ފަހުރެއް ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެކަން ކާމިޔާބުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަނެ އިތުބާރުކުރާތީ އެވެ. 

"ދެމެހެއްޓެނިވި ތަރައްގީއަށާއި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބަލައިގެންފައިވާކަން ހާމަކޮށްދޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ އިކޮސޮކްގެ މެންބަރުކަމަށް ރާއްޖެ އިންތިހާބުވުމަކީ ތަރައްގީއަށް ބޭނުންވާ މާލީ ވަސީލަތްތައް ފަސޭހަކަމާއެކު ގައުމުތަކަށް ހޯދައި ދިނުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

އިކޮސޮކްއަކީ އދ. ގެ މައިގަނޑު ހަ ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. އެ މަޖިލީހަކީ އދ. ގެ ނިޒާމުގެ ތެރެއިން އިގްތިސާދީ އަދި އިޖުތިމާއީ އެކި މައްސަލަތަކުގައި ކުރެވޭ މަސައްކަތްތައް ވިލަރެސްކުރާ އެންމެ މަތީ މަޖީލީހެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހިމެނޭހެން، ބައިނަލްއަގުވާމީ ގޮތުން އެއްބަސްވެފައިވާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްވާ މިންވަރު ބަލައި މުރާޖައާކުރުމުގައި ވެސް އިކޮސޮކް އިން މުހިންމު ދައުރެއް އަދާކުރެ އެވެ.