ގދ. ތިނަދޫ ސިޓީގެ އިތުރު މަގުތަކުގައި ތާރުއަޅަން، 341 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ތިނަދޫ ސިޓީގެ މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.
އެ އެގްރިމެންޓުގެ ދަށުން 19.3 ކިލޯމީޓަރު ހިމެނޭ 50 މަގެއްގައި ތާރު އަޅާނެ އެވެ. އޭގެ އިތުރުން؛
- ފެން ހިންދާ ނިޒާމް ގާއިމްކުރާނެ
- ރޯޑް ވޯކިން އަދި ސައިން ބޯޑު ހަރުކުރާނެ
- ދުވާރުތައް ހަދާނެ
ތިނަދޫގެ މަގު ހަދަން ހަވާލުކުރީ ހަތަރު އަހަރުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.