ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީޒް މިއަދު ރާއްޖެ ގެނެސްފި އެވެ. 

ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި، ޗައިނާގެ އެކްސްސީއެމްޖީން ގެނައި 230 މެޝިނަރީޒް ވަނީ، ރަށްރަށުގައި ގިނަ ޕްރޮޖެކްޓުތައް ހިންގަމުން އަންނަ އާރުޑީސ އާއި ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

މިއީ، މަގު ހަދާ ކުންފުނިން ބުނި ގޮތުގައި އުމުރާނީ ތަރައްގީގެ ތާރީހުގައި ވެސް އެއްފަހަރާ މިހާ ގިނަ އަދަދެއްގެ އުޅަނދު ފަހަރާއި މެޝިނަރީ ރާއްޖެ ގެނައި ފުރަތަމަ ފަހަރެވެ.

އޭގެ ތެރޭގައި މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނާއި ހައިމާކު އަދި ބިންގަނޑު އެއް ލެވެލް ކުރާ މެޝިން ހިމެނެ އެވެ.

ޗައިނާގެ އެކްސްސީއެމްޖީން ގެނައި މެޝިނަރީޒް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން-- ފޮޓޯ: އާރުޑީސީ
ޗައިނާގެ އެކްސްސީއެމްޖީން ގެނައި މެޝިނަރީޒް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން-- ފޮޓޯ: އާރުޑީސީ

އެ މެޝިން ހޯދުމުގެ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ މެއި މަހު އުފެއްދި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އަދި އާރުޑީސީ އާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އަދި  ޗައިނާގައި މިފަދަ ތަކެތި އުފައްދާ އެންމެ ވަރުގަދަ ކުންފުންޏާ އެކު ސޮއިކުރީ އައިޑީއެސްއިންނެވެ.

ތިލަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ އެ ކުންފުނިން މިހާރު މަސައްކަތްކުރަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. ނަމަވެސް، އަލަށް ގެނައި މެޝިންތަކުގެ ސަބަބުން މަސައްކަތްތަކަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ އެކްސްސީއެމްޖީން ގެނައި މެޝިނަރިޒްގެ މޮޑެލްއެއް، ފިނޭންސް މިނިސްޓަރު ޒަމީރަށް މިއަދު ހަވާލުކުރައްވަނީ-- ފޮޓޯ: އާރުޑީސީ
ޗައިނާގެ އެކްސްސީއެމްޖީން ގެނައި މެޝިނަރިޒްގެ މޮޑެލްއެއް، ފިނޭންސް މިނިސްޓަރު ޒަމީރަށް މިއަދު ހަވާލުކުރައްވަނީ-- ފޮޓޯ: އާރުޑީސީ

އޭގެ ތެރެއިން، މަސައްކަތުގެ ސްޕީޑު އަވަސްވެ، ޕްރޮޖެކްޓު ނިންމަންޖެހޭ މުއްދަތަށް ވުރެ އަވަހަށް ނިންމޭނެ ކަމަ ނަޒީމް ވިދާޅުވި އެވެ.

އައިޑީއެސް އިން ވަނީ އެ މެޝިންތައް މަރާމާތުކުރަން ޗައިނާގެ ކުންފުންޏާ ގުޅިގެން ރާއްޖޭގައި ރިޕެއާ ކުރާ ތަނަކާއި ސްޕެއާ ޕާޓްސް ވިއްކާ މަރުކަޒެއް ގާއިމްކުރަން ނިންމައިފަ އެވެ. އޭގެ ސަބަބުން، މެޝިނަރީއަކަށް މައްސަލައެއް ދިމާވިއަސް، ރާއްޖޭން ބޭރުން އެ ތަކެތި ގެނައުމަށް އިންތިޒާރު ކުރުމެއް ނެތި އަވަސް ހައްލެއް ހޯދި، މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށް ބުންޏެވެ.