އަތޮޅުތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެމްބިއުލާންސްތައް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އެ ރަށްތަކަށް ފޮނުވައިފި އެވެ.

ހެލްތު މިނިސްޓްރީން ހިންގާ އެ ޕްރޮގްރާމްގެ ދަށުން ކޮންޓްރެކްޓާ ފައިނޭންސިންގް އުސޫލުން ރާއްޖެ އަށް 56 އެމްބިއުލާންސް ގެނައުމުގެ މަސައްކަތް އެމްޕީއެލްއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ.

އެ ކުންފުނިން މިއަދު ބުނީ، އެމްބިއުލަންސްތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ މަހުގެ 17 ވަނަ ދުވަހު ފަށައި މި މަހުގެ 14 ވަނަ ދުވަހު ވަނީ ހުރިހާ ރަށަކަށް އެމްބިއުލާސްތައް ފޮނުވައި ނިންމާފައި ކަމަށެވެ.

އެމްބިއުލާންސްތައް ހަވާލުކުރުމުގެ އިތުރުން އެ އުޅަނދުތައް ދުއްވުމާއި މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ފަންނަނީ މައުލޫމާތު އެމްޕީއެލްގެ މެކޭނިކަލް ޓީމުން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނީ މި އެމްބިއުލާންސްތަކުގެ އިތުރުން އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކާއި މާލެ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ހިދުމަތް ދިނުމަށް އެ ތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް މި އަހަރުގެ ތެރޭގައި ފޮނުވާނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތުގައި އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެކެވެ.