އެމްބިއުލާންސް ގެނައުމުގެ ބީލަން އަލުން އިވެލުއޭޓް ކުރަން އޭސީސީން އަންގައިފި

ރާއްޖެއަށް 15 އެމްބިއުލާންސް ގެންނަން ހުޅުވާލި ބީލަމުގައި ހެޔޮ އަގު ހުށަހަޅާފައިވާ ކުންފުނިތަކުގެ ބަދަލުގައި އަގު ބޮޑުކޮށް ހުށަހެޅި އިންޑިއާގެ ކުންފުންޏަކަށް އެ މަސައްކަތް ދިނުމުން އެ ބީލަން އަލުން އިވެލުއޭޓް ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފިނޭންސް މިނިސްޓްރީ އަށް އަންގައިފި އެވެ.


އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމް އެކްސްޕޯޓްސް) އަށް އެ ޕްރޮޖެކްޓް ދޭން ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ނިންމީ، އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެމްބިއުލާންސް ގެނެސްދިނުމަށާއި އެންމެ ހެޔޮ އަގު ހުށަހެޅި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން ހުށަހެޅި އަގަށް ވުރެ 780،180ރ. ބޮޑުކޮށެވެ.

އެ މައްސަލަ އޭސީސީ އަށް ވެސް ހުށަހެޅީ އޭޑީކޭ ޓްރޭޑް އިންނެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ ބީލަން އަލުން އިވެލުއޭޓް ކުރުމަށް ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހަފްތާ ހޯމަ ދުވަހު އޭސީސީން އެގޮތަށް އަންގާފައި ވަނީ ބީލަންތައް އިވެލުއޭޓް ކުރުމުގައި ހަމަހަމަ ކަމެއް ގެންގުޅެފައި ނުވާތީ އެވެ. އަދި ހުށަހެޅި ހުރިހާ ބީލަމެއް އިވެލުއޭޓް ކުރުމަށް އޭސީސީން ވަނީ އަންގައިފަ އެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލުން އިވެލުއޭޓް ކުރަން އޭސީސީން އެންގުމުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭޑީކޭ ޓްރޭޑިން އިން ހުށަހެޅީ 59-89 ދުވަހާ ދޭތެރޭ އެމްބިއުލާންސްތައް ގެންނަން 7.9 މިލިއަން ރުފިޔާ އެވެ. ދެ ވަނަ އަށް އެންމެ ހެޔޮ އަގު ހުށަހެޅި އެމްއޯ ޓްރޭޑުގެ އަގަކީ 90 ދުވަހުގެ ތެރޭގައި ތަކެތި ގެނެސްދިނުމަށް 8.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް ބިޑް ކާމިޔާބު ކުރި މޯހަން މުތާ އިން ހުށަހަޅާފައިވަނީ 90 ދުވަހުގެ ތެރޭގައި އެމްބިއުލާންސް ހަވާލުކުރާ ގޮތަށް 8.7 މިލިއަން ރުފިޔާ އެވެ.

އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ، އެއްވެސް މަޝްރޫއެއް ވަކި ބަޔަކަށް ދޭން ނިންމައި އެގޮތަށް ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައި ނޯންނާނެ ކަމަށެވެ. ބީލަމަށް ހުޅުވައިލުމުން ކުރިމަތިލާ ކުންފުނިތަކުގެ ތެރެއިން އެ މަޝްރޫއު ކަށަވަރުވަނީ އެންމެ ކުރު މުއްދަތަކާއި އެންމެ ހެޔޮއަގު ހުށަހަޅާ ބަޔަކަށް ނޫން ކަމަށާއި ޓެކްނިކަލް އިވެލުއޭޝަންގައި ވެސް ގިނަ ކަންކަމަށް ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމް އެކްސްޕޯޓަކީ ސަރުކާރުގެ އެކި ޕްރޮޖެކްޓްތައް ނަގައިގެން ރާއްޖޭގައި ވިޔަފާރި ކުރާތާ އެތައް އަހަރެއް ވެފައިވާ ކުންފުންޏެކެވެ. ކާޑުގެ ބާވަތްތައް އެތެރެކުރުމުން ފެށިގެން ގޮސް އިންފްރާސްޓްރަކްޗާގެ ޕްރޮޖެކްޓްތައް ވެސް އެ ކުންފުނިން ހިންގަ އެވެ.

އެމްބިއުލާންސް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އޭޕްރީލް 18 ގަ އެވެ. ބީލަން ހުށަހަޅަން ދިން މުއްދަތު މެއި 12 ގައި ހަމަވިއިރު ގިނަ ކުންފުނިތަކަކުން ކުރިމަތިލި އެވެ. ޖޫން 19 ގައި ފިނޭންސް މިނިސްޓްރީން ވަނީ އެ ބީލަން ބާތިލްކޮށް އަލުން ހުޅުވާލައިފަ އެވެ.