ފުލުހުންގެ ތެރޭގައި 32 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، އެ މުއައްސަސާ އިން ރިޓަޔާވި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންގެ ހިދުމަތުގެ އަގު އަގުވަޒަން ކުރުމަށް އޭނާގެ ޝަރަފުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ޝަރަފުވެރި ކޮށްދެއްވި އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު އަދި ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުންނާއި އެކި ރޭންކުތަކުގެ ފުލުހުންނާއި އެތަނުގެ މުވައްޒަފުން ބައިވެރިވި އެވެ.

އެ ރަސްމިއްޔާތުގައި، ނަވީން ފުލުހުންގެ ހިދުމަތުގައި ހުންނަވައި، ދައްކަވާފައިވާ ހަރުދަނާ ލީޑާޝިޕާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެވަޑައިގެންފައިވާ ގުރުބާނީތަކަށް ވަނީ  ޝުކުރު އަދާކުރައްވައިފަ އެވެ.

ފުލުހުންގެ ތެރޭގައި 32 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، ނަވީން ރިޓަޔާވުމުން އެކަމުގެ އަގުވަޒަންކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ޕޮލިސް
ފުލުހުންގެ ތެރޭގައި 32 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، ނަވީން ރިޓަޔާވުމުން އެކަމުގެ އަގުވަޒަންކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ޕޮލިސް

މިދިޔަ އަހަރުގެ ޖޫން މަހު ޕޮލިސް ކޮމިޝަނަރުކަމާ ހަވާލުވެވަޑައިގެންނެވި ނަވީން ރިޓަޔާ ކުރައްވަން ނިންމަވައި، ރަސްމީކޮށް ރިޓަޔާކުރައްވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެންގެވީ މި މަހު 18 ވަނަ ދުވަހު އެވެ.

ނަވީން ވިދާޅުވި ގޮތުގައި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބުމަކީ އޭނާ އަށް ފަހުރެކެވެ.

ނަވީން ވިދާޅުވީ ފުންކޮށް ވިސްނެވުމަށް ފަހު، އޭނާ އަށް ގަބޫލުކުރެއްވުނީ ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކުން ދުރުވެ، މުއައްސަސާގެ ލީޑަޝިޕް އޮމާންކަމާ އެކު، ބަދަލުވާން ފުރުސަތު ދޭން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިހުސާން އަދި ނަވީން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޕޮލިސް
ރޭގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިހުސާން އަދި ނަވީން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޕޮލިސް

 ޕޮލިސް ކޮމިޝަނަރު ކަމަށް ނަވީން އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރެއްވީ މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެ، މުޒާހަރާތައް ހޫނުވެފައި އޮއްވަ އެވެ. 

ނަވީނާ އެކު، ކޮމިޝަނަރު ކަމަށް ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމު ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް ރައީސް މުއިއްޒު ނިންމެވީ ނަވީން އެ މަގާމަށް އައްޔަން ކުރެއްވުމަށެވެ. 

ކޮމިޝަނަރު ކަމަށް އައްޔަން ކުރުމުގެ ގޮތުން ވަގުތީ ގޮތުން އެ މަސްއޫލިއްޔަތާ އޭރު ހަވާލުވެ ހުންނެވީ ވެސް ނަވީނެވެ.