ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އައި ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު މުހައްމަދު ނިމާލް ދެންމެ ނިޔާވެއްޖެ އެވެ.

އުމުރުން 62 އަހަރުގެ ނިމާލްގެ ގާތް މީހަކު "މިހާރު" އަށް ކަށަވަރު ކޮށްދިން ގޮތުގައި ނިމާލް ނިޔާވީ މިއަދުގެ ހެނދުނު އެވެ. 

ސްޓްރޯކެއް ޖެހިގެން ނިމާލް އައިޖީއެމްއެޗުގައި އެޑްމިޓް ކުރީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެ ރޭ ސައިކަލްގައި ދަނިކޮށް، ސްޓްރޯކެއް ޖެހިގެންނެވެ. 

އެ ވަގުތުން ފެށިގެން ނިމާލްގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ، މިދިޔަ ދެ މަސް ދުވަހު ފަރުވާދިނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޮތީ ކޯމާއެއްގަ އެވެ.

ނިމާލް ރާއްޖެ އިިން ބޭރަށް ގެންދަން އާއިލާ އިން މަސައްކަތްކުރި ނަމަވެސް ހާލު ސީރިއަސްކަމުން އެކަން ކާމިޔާބުވާ ގޮތެއް ނުވީ އެވެ.

ފިލްމު ޑައިރެކްޓު ކުރަން ފެށުމުގެ ކުރިން، އެކްޓަރެއްގެ ގޮތުގައި 1984 ވަނަ އަހަރު ނިމާލް ފިލްމީ ދާއިރާއެއް ނުކުމެފައިވަނީ އީސާ ޝަރީފްގެ "ނުފޫޒު" ފިލްމުންނެވެ.

އޭގެ ފަހުން، 1993 ވަނަ އަހަރުގެ ތެރޭގައި ނިމާލް ލިޔެ، ޑައިރެކްޓުކޮށް އަދި އެކްޓުކުރި "ސިޓީ"އަކީ ދިވެހި ތާރީހުގައި ދިވެހިންގެ މަގުބޫލުކަން ހޯދި އަދި އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

ނިމާލް ޑައިރެކްޓުކުރި އަދި އިސް ރޯލެއް އަދާކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ޒަލްޒަލާ"، "ޔޫސުފް" އަދި "ނިއުމާ" ފަދަ ފިލްމްތައް ހިމެނެ އެވެ.

ފިލްމީ ދާއިރާ އަށް ނިމާލް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް އޭނާއަށް ވަނީ 1991 ވަނަ އަހަރު ހިތްވަރުދިނުމުގެ ގައުމީ އިނާމު ވެސް ލިބިފަ އެވެ.