މާލޭގެ ޕާކުތަކާއި މައިޒާންތައް މަރާމާތުކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށް ދާއިރު އީދަށް އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޕީއެންސީން ރޭ ބޭއްވި ތަރާވީހުގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ތަަަރައްގީ ކުރެއްވި ޕާކުތައް ހުރީ ވީރާނާވެފައި ކަމަށެވެ. އެގޮތަށް އެކަން ދިމާވީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ޕާކުތައް މަރާމާތުކޮށް ބަލަހައްޓާފައި ނުވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

އެހެންވެ، ކައުންސިލުގެ ޒިންމާއަދާނުކުރުމުން އެ މަސައްކަތާ ސަރުކާރުން ހަވާލުވެ، ޕާކުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. 

"މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕާކުތައް ހަލާކުވެފައި ހުރީމަ ސަރުކާރުން އެތަންތަހން އަނެއްކާ ހަދަން ފެށީ. ހަގީގަތުގައި ކައުންސިލުން ކުރަންޖެހޭ ކަންކަން. މިއީ އެއްކަލަ ފޮތުގައި ބުނިކަންކަން ނުކޮށް ހުރި ވާހަކަ މި ދަންނަވަނީ،" 

ރައީސް ވިދާޅުވީ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން އަދި ރަސްފަންނުގެ އިތުރުން ސުނާމީ ބިނާ ސަރަހައްދު ވެސް އޮތީ ހަލާކުވެ، ވީރާނާވެފައި ކަމަށެވެ. ކައުންސިލުގެ މަސައްކަތްތައް ނުކުރުމުން އިހާނެތިކަން ލިބުނީ މާލޭގައި އުޅޭ މީހުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ޕީއެންސީން ރޭ ބޭއްވި ތަރާވީހުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޕީއެންސީން ރޭ ބޭއްވި ތަރާވީހުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރައީސް ވިދާޅުވީ ޖުމްހޫރީ މައިދާނުގެ މަރާމާތުގެ ބޮޑު މަސައްކަތެއް ނިމިފައިވާ ކަމަށެވެ. އަދި ސަލްްޓަން ޕާކު ވެސް ތަރައްގީކުރަނީ އިތުރު ފީޗާތަކާ އެކު ކަމަށާއި ސުނާމީ ބިނާ ހުރި ތަން ވެސް އޮތީ އެއްކޮށް ހަލާކުވެފައި ކަމަށެވެ. އެހެންވެ، އެ ތިން ތަނުގެ މަސައްކަތް ވެސް އީދަށް ނިންމާލެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ޖުމްހޫރީ މައިދާނުގެ ބޮޑު މަސއްކަތްތަކެއް ނިމިއްޖެ. އިރާދަކުރެއްވިއްޔާ އީދު ދުވަހަށް އެއްކޮށް ނިންމާލެވޭތޯ މި ބަލަނީ. ސަލްޓަން ޕާކު ވެސް ޒަމާނީ އިތުރު ފީޗާސްތަކާ އެކީގައި ހަމަ މި ބަލަނީ އީދަށް ނިންމާލެވޭތޯ. ސުނާމީ ބިނާހުރި ތަން ވެސް އެއްކޮށް ހަލާކުވެފައި އޮތީމަ، ހަމަ ބޮޑުމަރާމާތަކާ އެކީގައި އަނެއްކާ ސަރުކާރުން މި ބަލަނީ ހަމަ އީދަށް ނިންމާލެވޭތޯ،" ރައީސް ވިދާޅުވީ 

މާލޭގައި އެންމެ ހިތްގައިމު އެއް ޕާކު، ސަލްޓަން ޕާކުގައި ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހޭތީ އެ ތަން އަލުން ތަރައްގީ ކުރުމަށް ބަންދުކުރީ މިދިޔަ އަހަރުގެ އޮގަސްޓް 20 ގަ އެވެ. އޭރު އެތަން ބަންދުކުރީ ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް އަމާޒުކޮށްގެންނެވެ. 

ބިޔަ ގަސްތަކުން ފެހި ސަލްޓަން ޕާކު އަލުން ތަރައްގީ ކުރާނީ އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭ ގޮތަށް ކަމަށް ކުރިން ރައީސް ވިދާޅުވެފައިވެ އެވެ. 

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެތަނުގައި ގިނަ އަދަދެއްގެ ގަސް އިންދައި، އިށީނދެ ތިބެން ހަދައިފައި ހުންނަ ބުރުތައް މަރާމާތުކޮށް އެ ބައި ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ. އެކަމަކު އަދިވެސް ބައެއް މަރާމާތުތައް އެތަނުގައި ކުރިއަށް އެބަދެ އެވެ. 

މަރާމާތަށް ފަހު ހުޅުވި ޖުމްހޫރީ މައިދާނުގެ ބެންޗެއްގައި ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މަރާމާތަށް ފަހު ހުޅުވި ޖުމްހޫރީ މައިދާނުގެ ބެންޗެއްގައި ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރިން ލޮނުޒިޔާރަތްކޮޅުގައި ހުރި ސުނާމީ ބިނާ ގެންގޮސް ކުރީގެ ތިން ރުއް ޕާކު ސަރަހައްދުގައި ތަރައްގީކުރި ސުނާމީ ބިނާ މައިޒާން ވެސް ވަރަށް ބޮޑަށް ހަލާކުވެ އެތަނުގެ މަރާމާތުގެ މަސައްކަތް ފެށީ މި މަހުގެ ކުރީކޮޅެވެ. 

ސުނާމީ ބިނާ އާއި އެ ތަނުގެ އެކި ސަރަަހައްދުގައި ހަރުކޮށްފައިވާ ލައިޓުތައް ރޭގަނޑު ކުރިން ދިއްލި ނަމަވެސް މިހާރު އެތަނުގައި އަލިކަމެއް ވެސް ނުހުރެ އެވެ. އަދި އެ ތަނުގައި އޮންނަ ނެރާ ދިމާލުން ބޮޑު ބައެއް އޮތީ ގާތައް ނެއްޓި މޫދަށް ދަމައިގަނެ، ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.