މަރާމާތަށް ބަންދުކޮށްފައިވާ ސަލްޓަން ޕާކު އީދު ދުވަހު ހުޅުވުން ވެސް ހިމެނޭ ގޮތަށް ތިން ދުވަހަށް ގައުމީ ފެންވަރުގައި މިފަހަރު ވެސް ކުލަގަދަކޮށް އީދު ފާހަގަކުރުން އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ސަލްޓަން ޕާކު އަލުން ތަރައްގީކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެތަން ބަންދުކުރީ މިދިޔަ އަހަރު އޮގަސްޓު 20ގަ އެވެ.

އީދު ފާހަގަކުރުމާ ބެހޭ ގޮތުން އެމްއެންޑީއެފުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އީދު ދުވަހު ސަލްޓަން ޕާކް ހުޅުވަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

ސިފައިން އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "އީދު ހަވީރު 1447" ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިއުލާނުގައިވެ އެވެ.

މިހަރަކާތްތައް ފަށާނީ ފިތުރު އީދު ދުވަހުގެ ހަވީރު 4:00 ގައި ކަމަށާއި ހަވިރު 6:00 އަށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ބުނެފައިވެ އެވެ.

 އީދު ހަވީރަށް އާންމުންގެ ފަރާތުން މިދިޔަ އަހަރު ލިބުނު ތަރުހީބަށް ބަލައި މިފަހަރު "އީދު ހަވީރު 1447" ތިން ދުވަހަށް ކުރިއަށްގެންދާއިރު، މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށް ކަމަށް ވެސް ސިފައިން ބުންޏެވެ.

މީގެ އިތުރުން މި ހަވީރުގައި ހުޅުމާލެ ސެންޓްރަލް ޕާކާއި ހުޅުމާލެ 2ގެ ހިޔާ ޕާކް ސަރަހައްދާއި، ވިލިމާލެ ފުޓްބޯޅަ ދަނޑުގައި "އީދު ހަވީރު 1447" ގެ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. 

ސަލްޓަން ޕާކުގެ ބައެއް ބަންދުކޮށްފައި— ފޮޓޯ: ނިޝާން އަލީ |  މިހާރު
ސަލްޓަން ޕާކުގެ ބައެއް ބަންދުކޮށްފައި— ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްއެންޑީއެފުން ބުނީ ކުޅިވަރުތަކާއި މުނިފޫހިފިލުވުމާއި އީދު ހަދިޔާ ދިނުން ވެސް އޮންނާނެ ކަމަށާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. 

އެމްއެންޑީއެފްގެ ހަރަކާތްތަކުގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ދޭނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިޔަ ގަސްތަކުން ފެހި ސަލްޓަން ޕާކު އަލުން ތަރައްގީ ކުރާނީ އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.

ސަލްޓަން ޕާކުގައި ހެދި ސްނޯ ޕާކު— ފޮޓޯ: ނިޝާން އަލީ |  މިހާރު
ސަލްޓަން ޕާކުގައި ހެދި ސްނޯ ޕާކު— ފޮޓޯ: ނިޝާން އަލީ | މިހާރު

ސަލްޓަން ޕާކު މިހާރު އޮތްގޮތަށް ތަރައްގީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވި އިރު އެވެ. އޭރު އެތަން ތަރައްގީ ކުރީ ސްނޯ ޕާކާ އެކު ނަމަވެސް އެތަން ފަހުން ވަނީ ބަންދުކޮށްފަ އެވެ.

ވިންޓާ ބިލްޑިންގް ނަގައި އެ ތަނުގައި ގޭމު ކުޅޭ މަރުކަޒެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް އޭރު ވިދާޅުވި އެވެ. ސަލްޓަންޕާކު އަލުން ތަރައްގީކުރަނީ ދިވެހިންގެ އައިޑެންޓިޓީ އާއި ރާއްޖޭގެ ތާރީހު ދައްކުވައިދޭ ގޮތަށް ކަމަށާއި ޕާކުގެ މަސައްކަތް ނިމޭއިރު އެ ތަނުގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައި އެވެ.