އެހެން އަހަރުތަކެކޭ ވެސް އެގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންގެ އީދު ސަލާންކުރެއްވުން ފިތުރު އީދު ދުވަހުގެ ހެނދުނު މުލީއާގޭގައި އޮންނާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އީދު ސަލާންކުރެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް ރައީސްގެ ރަސްމީ ގެ، މުލީއާގޭގައި ކަމަށެވެ.

އީދު ސަލާންކުރެއްވުމުގައި ބައިވެރިވުމަށް އާންމުންނަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި ރާއްޖޭގެ އެކި ކުންފުނިތަކާއި އަމިއްލަ އެކިއެކި ޖަމިއްޔާތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އާއިލާތަކާ އެކު، ވީހާ ވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ވީހާ ވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވުމަށް ވެސް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށެވެ.

އީދު ސަލާންކުރުމަށް ދާ މީހުން މުލީއާގެ އަށް ވަނުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.