މި ފަހަރުގެ ފިތުރު އީދުގެ އުފާ އިސްލާމީ އުންމަތާ ބައްދަލުކުރިއިރު، އެ އުންމަތް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށާއި މި އުފާވެރިކަން ބައްދަލުކުރާ ދަނޑިވަޅުގައި، މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

އެ މަނިކުފާނު އެކަމަށް އެދިވަޑައިގަތީ މާދަމާ ފާހަގަކުރާ މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގަ އެވެ. 

ރައީސް ވިދާޅުވީ، ފަލަސްތީނުގައި، އާންމުކޮށް މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމު އެތައް އަހުންނާއި އުހުތުން ވަނީ ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރޭގައި ކަމަށެވެ.

"މުއުމިނުންގެ މިސާލަކީ، އެއް ހަށިގަނޑެއްގެ މިސާލު ކަމަށް ވާތީ، މި ހުރިހާ ވޭނެއްގައި އަޅުގަނޑުމެން ބައިވެރިވަމު އެވެ. މި ހާލަތުގައި އެދެވެނީ އަވަސް ގޮތެއްގައި އެ ލޮބުވެތި އަހުންނާއި އުހުތުންނަށް އަމާންކަމާއި ރައްކާތެރިކަމެވެ. މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރޯދަމަހާއި ފިތުރު އީދަށް ފަހު، ހަ ރޯދައިގެ ދުވަސްވަރު އަންނާނީ އެ އިން އަންގައިދެނީ ހެޔޮ އަމަލުތަކުގެ މަތީގައި ދެމިތިބެން އިސްލާމްދީން ގޮވާލާ ނިޒާމުގެ ފުރިހަމަކަމެވެ.

"ރޯދަ ނިމުނީމާ އަޅުކަމާއި އަޅުވެރިކަމުގެ ދުވަސްތައް ނިމުނީއެއް ނޫނެވެ. އަލުން ފަށައިގެން ކުރިޔަށް ދިޔުމުގެ ދައުވަތު، ހަ ރޯދައިން އެބަ ލިބިދެ އެވެ."

ރައީސް މުއިއްޒު ވިދާޅުވީ، މި ރޯދަމަސް އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ ނަފުސުތަކަށާއި ގުނަންތަކަށް މުހިންމު ތަމްރީނުތަކެއް ދީފައި ކަމަށާއި އެއީ ރަނގަޅު ބަސްތައް މެނުވީ އަޅުގަނޑުމެންގެ ދޫތަކުން ނުބުނުމުގެ ތަމްރީނު ކަމަށެވެ. އަދި ރަނގަޅު އަމަލުތައް ނޫނީ އަޅުގަނޑުމެންގެ ގުނަންތަކުން ނުކުރުމާއި ވަކިވަކިވެ ރޫޅިފައިވާ ބައެއްގެ ގޮތުގައި ނުވެ، ބިޔަ އެއް ޖަމާއަތެއްގެ ގޮތުގައި އެއްބައެއްވަންތަކަމާ އެކު މުސްލިމުން ދެމިތިބުމަށް ބާރު އެޅުމުގެ ތަމްރީނު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ހުރިހާ މާނައެއްގައި ވެސް، ހުރިހާ ވަގުތެއްގައި ވެސް ކެތްތެރިވުމެވެ. ރޯދައިގެ މަދަރުސާއިން މި ފިލާވަޅުތައް ލިބިދިނެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އިސްލާމްދީނުގައި އެއްވެސް ކަމެއްގައި އެ ދީނުގެ މިންގަނޑުން ބޭރުވުމެއް ނެތުމުން، އީދުގެ އުފާފާޅުކުރުން ވެސް އޮތީ އެގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.

"އެހެންކަމުން، ކުރުކޮށް ދަންނަވާ ނަމަ، އީދުގެ އުފަލަކީ މާތް ﷲ އަށް ހަމްދުކުރުމެވެ. އެކަލާނގެ ދެއްވި ނިއުމަތްތަކަށް ޝުކުރުކުރުމެވެ. މުސްލިމުން އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކުރުމެވެ"
ރައީސް މުއިއްޒު

އެހެންވެ، އީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެނީ އިސްލާމްދީން އަބަދުވެސް ބާރު އަޅަނީ ހެޔޮކަމަށެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މާތް ސިފަތަކަށެވެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އީދު އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އުފާކޮށް، އުފާފާޅުކުރާށެވެ. ނަމަވެސް އެއީ، މާތް ﷲ އަޅުގަނޑުމެންގެ މައްޗަށް ފަރުލު ކުރެއްވި ރޯދައިގެ އަޅުކަން އަދާކުރެވުމުގެ އުފާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ ކީރިތި ގުރްއާން ކިޔެވުމާއި ޒިކުރުކުރުމާއި އިސްތިއުފާރު ކުރުމުގައި ރޯދަމަހުގެ ރޭތަކާއި ދުވަސްތައް ހޭދަކުރެވުނީތީ އެކަމުގެ އުފަލެވެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި ނިކަމެތިކަން ތަހައްމަލުކުރާ ފަރާތްތަކަށް ދީލަތިވެވުމުގެ އުފަލެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެހެންކަމުން، ކުރުކޮށް ދަންނަވާ ނަމަ، އީދުގެ އުފަލަކީ މާތް ﷲ އަށް ހަމްދުކުރުމެވެ. އެކަލާނގެ ދެއްވި ނިއުމަތްތަކަށް ޝުކުރުކުރުމެވެ. މުސްލިމުން އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކުރުމެވެ. އެއީ ފަރުދީ ގޮތުންނާއި ޖަމާއަތުގެ ގޮތުން ހިތްތަކަށް ހަމަޖެހުން ހޯދައި، މުޖުތަމައުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުމެވެ."