މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި އީދު ސަލާމް ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ސަލާން ކުރައްވައިފި އެވެ.

ރައީސްގެ ދެކަނބަލުންގެ އީދު ސަލާން ކުރެއްވުން އޮތީ މިއަދު ހެނދުނު ރިޔާސީ ގަނޑުވަރު، މުލީއާގޭގަ އެވެ.

ރައީސް އޮފީހުން ބުނީ އީދު ސަލާން ކުރެއްވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރުންނާއި އެ ފެންވަރުގެ އެހެން ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ އިއްޒަތްތެރިންނާއި ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިން އަދި ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

އެ ބޭފުޅުންގެ އިތުރުން، ގިނަ އަދަދެއްގެ އާންމުންނާއި އާއިލާތައް ވެސް އީދު ސަލާން ކުރުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ދިޔަ ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

ފިތުރު ނުވަތަ ކުޑަ އީދު ދުވަހާ ގުޅިގެން ގައުމީ ދިފާއީ ބާރުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ "އީދު ހަވީރު 1447"ގެ ހަރަކާތްތައް މިއަދު ހަވީރު 4 އިން 6 އަށް މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ކުރިއަށް ގެންދާނެ ކަމަސް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ "އީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ބައިވެރިވާނެ ކަމަށެވެ.