ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މޮނިޓަރަކަށްވުމުގެ ފުރުސަތު މާދަމާ ހަމަވާނެކަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހަނދާކޮށްދީފި އެވެ. 

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. 

އީސީން މިއަދު ބުނީ، މޮނިޓަރަކަށް ވުމުގެ ފުރުސަތު މާދަމާގެ މެންދުރުފަހު 3:00 ގައި ހަމަވާނެ ކަމަށެވެ.

މި އިންތިހާބުގައި މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު އީސީއަށް ހުށަހަޅާނީ، ނޫސް މަޖައްލާތަކަށާއި ޚަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv އިންނެވެ. 

މިގޮތުން، "މޮނިޓަރުންގެ މައުލޫމާތު ހުށަހެޅުމަށްޓަކައި ޑޭޓާ ލިއޭޒަންއަކަށް ވުމަށް އެދޭ ފޯމު" ފުރިހަމަކޮށް [email protected] އަށް އީ-މެއިލްކުރަންވާނެކަމަށް އީސީން ބުނެފައިވެ އެވެ.

އިންތިހާބު މޮނިޓާކުރުމުގެ ހުއްދަ ދޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމަށް ވުމާއި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުމާއި ކަމާ ގުޅުން ހުރި މުއައްސަސާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއް ކަމަށް ވުން ހިމެނެ އެވެ. 

މީގެ އިތުރުން، އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމަށް ނުވުމާއި އިންތިހާބުގައި އިތުރު އެހެން މަގާމަކަށް ކުރިމަތިލައިފައިވާ މީހެއް ކަމުގައި ނުވުން ވެސް މޮނިޓަރަކަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.