ބ. ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ބިން ހިއްކުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ރޭ ދޮގުކުރައްވައިފި އެވެ.
އެކްސްގައި އަމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ދިގުކުރަން ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް މި ވަގުތަށް ރާވާފައި ނެތް ކަމަށެވެ. އަދި އެ އެއާޕޯޓާ ގުޅޭގޮތުން މި ވަގުތު އެންމެ އިސްކަމެއް ދެނީ އެ ތަނުގައި މިހާރު ހުރި ވަސީލަތްތައް ތަރައްގީކޮށް، ޓާމިނަލްގެ އިންފްރާސްޓްރަކްޗާ އިތުރަށް ފުރިހަމަ ކުރަން ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދުތަކަކީ ފަސިންޖަރުންނަށް ލިބޭ ހިދުމަތްތައް ރަނގަޅު ކުރުމާއި އެއާޕޯޓް ހިންގުމުގެ ދުވެލި ހަލުވިކުރުމާއި ހިދުމަތުގެ ފެންވަރު މަތިކުރުމުގެ އިތުރުން މިހާރު ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން،" ޓްރާންސްޕޯޓު މިނިސްޓްރީން ފަހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"ރަންވޭ ބޮޑުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނުވަތަ އެފަދަ ކަމަކަށް ހުއްދަ ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ."
ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވެސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދަރަވަންދޫ ބިން ހިއްކުމުގެ މަޝްރޫއަކަށް މިދިޔަ އަހަރުގެ މެދުތެރޭގައި ޕްރިލިމިނަރީ ކޮންސެޕްޓެއް ހަދަން ނިންމިއަސް، ބިން ހިއްކުމުގެ އެއްވެސް މަޝްރޫއަކަށް އަދި ރުހުން ދީފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މަޝްރޫއު ކުރިއަށް ގެންދަން ނިންމައިފި ނަމަ ދަރަވަންދޫ ކައުންސިލަށް އެކަން ރަސްމީކޮށް އަންގާނެ އެވެ.
"އިތުރަށް ސާފުކޮށްދޭ ނަމަ، ދަރަވަންދޫ ބިން ހިއްކުމަށް އެޕްރޫވްޑް ޕްރޮޖެކްޓެއް، ސޮއިކޮށްފައިވާ ކޮންޓްރެކްޓެއް އަދި ކުރިއަށް ދާން ގޮތެއް ވެސް ނުނިންމާ،" މުއްތަލިބު ވިދާޅުވި އެވެ.