ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފްލައިޓުތައް ޖެއްސޭ ގޮތް ހަދައިފި އެވެ.

ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ށ. ފުނަދޫ އެއާޕޯޓުގައި ހަރުކުރި ލައިޓް ސިސްޓަމާ އެކު މިހާރު ވަނީ ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތަށް ހުރިހާ އެއާޕޯޓެއްގައި ވެސް އިންތިޒާމް ހަމަޖެހިފައި ކަމަށެވެ.

ރާއްޖޭގައި މި ވަގުތު ޑޮމެސްޓިކް 13 އެއާޕޯޓު ހިންގަ އެވެ. އަދި އިންޓަނޭޝަނަލް ފަސް އެއާޕޯޓާ އެކު، ޖުމްލަ 18 އެއާޕޯޓު އޮޕަރޭޓްކުރެ އެވެ.

އަމީން ވިދާޅުވީ ރޭގަނޑު ފްލައިޓުތައް ޖެއްސޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ކޮންމެ މީހަކަށް ވެސް ހަމަހަމަކަމާ އެކު އަސާސީ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމާއި ސަރަހައްދީ ގުޅުން ވަރުގަދަކުރުމަށް ކަނޑައެޅި މުހިއްމު އަމާޒެއް ކަމަށެވެ.

ރޭގަނޑު ދަތުރުތައް ކުރެވޭނެ ގާބިލްކަން ލިބުމުން، ފްލައިޓް ޝެޑިއުލްތަކަށް ލުއި ލިބި އަދި ދަތުރުތައް ކެންސަލްވުމާއި ލަސްވުން މަދުވާނެ ކަމަށް މިނިސްޓީން ބުންޏެވެ. އެއާ އެކު، އެތެރޭގެ އުދުހުންތަކަށް އޮންނަ އިތުބާރު ބޮޑުވާނެ ކަމަށް ވެސް ބުންޏެވެ.

ކޮންމެ ވަގުތެއްގައި ވެސް މެޑިކަލް އިވެކުއޭޝަންތައް ކުރެވޭނެ މަގު ތަނަވަސްވުމަކީ ގައުމުގެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދިނުމުގެ ބާރު އިތުރުވެގެންދާނެ ކަމެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރެ އެވެ.