ރޯދަމަހުގެ ފުރަތަމަ 15 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި މާލެ އާއި ރަށްރަށުން 5.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. 

މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ބުނީ މި ރޯދަމަހުގެ ފުރަތަމަ 15 ގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ޖުމްލަ އަކީ 5،482،171ރ. ކަމަށެވެ. 

މިއީ މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނު އަދަދާ އަޅާ ބަލާއިރު، 23 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ލިިބިފައި ވަނީ 4,460,199ރ. އެވެ. 

ޒަކާތު ހައުސް އިން ވަނީ އޮންލައިންކޮށް، ހަތް ޕްލެޓްފޯމެއް މެދުވެރިިކޮށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފަ އެވެ.  

އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭ ޕްލެޓްފޯމްތައް

  • ދިރާގު މޯބައިލް އެޕާއި ދިރާގު ޕޭ
  • އުރީދޫ، އެމްފައިސާ މޯބައިލް އެޕް
  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  • ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
  • ފަހިޕޭ މޯބައިލް އެޕް
  • އަވަސް މޯބައިލް އެޕް
  • ބަނޑޭރި ޕޭ ވެބްސައިޓް

ބަނޑޭރިޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރޯދަމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.

އޮންލައިންކޮށް ޒަކާތް ދައްކަން އަހުލުވެރި ނޫން މީހުންނަށް ހާއްސަކޮށްގެން، ނަގުދު ފައިސާ އާއި ކޭޝް ކާޑުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު އިސްލާމީ މަރުކަޒުގައި ވަނީ ހަމަޖައްސައިފަ އެވެ. 

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް

  • އާދައިގެ ހަނޑޫ: 12ރ. 
  • ތައިލެންޑް ހުދު ހަނޑޫ: 53ރ. 
  • ރަތް ހަނޑޫ: 96ރ. 
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77ރ.
  • ބާސްމަތީ ހަނޑޫ (މޮޅު): 109ރ. 
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136ރ.
  • އާދައިގެ ފުށް: 10ރ.
  • އާޓާ ފުށް: 75ރ.