ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީއެއް ކާމިޔާބުކަމާއެކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކޮށްފި އެވެ. 

އެ ސާޖަރީއަކީ ކުރިމަތިފަރާތުން ކެމެރާއެއް ލައްވައި، މިނިމަލީ އިންވޭސިވް ނުވަތަ ވަރަށް ކުޑަ ތަންކޮޅެއް ކަފާލައިގެން ޔޫޓެރަސް އިން ފައިބްރޮއިޑްސް ނެގުމަށް ހަދާ ސާޖަރީއެކެވެ. 

އުނގޫފާރު ހޮސްޕިޓަލުން ބުނީ އެ ޕްރޮސީޖާ ކުރިއަށް ގެންދިޔައީ ގައިނެކޮލޮޖިސްޓެއް ކަމަށްވާ ޑރ. ތަލްހާ ކަމަށެވެ. އެކަމަކީ ރާއްޖޭގައި މިނިމަލީ އިންވޭސިވް ގައިނެކޮލޮޖިކަލް ފަރުވާ ކުރިއެރުވުމުގައި ލިބުނު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެެވެ. 

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ކާމިޔާބީއާ އެކު ހޮސްޕިޓަލުން ޒަމާނީ ހިސްޓްރޮސްކޯޕިކް ހިދުމަތްތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ޕޮލިޕް އާއި ފައިބްރޮއިޑް އަދި ސެޕްޓަމް ނެގުމުގެ ހިދުމަތް ހިމެނެ އެވެ. އަދި އިންފާޓިލިޓީ އެސެސްމެންޓް ހަދައިދިނުމުގެ ހިދުމަތް ވެސް އެ ހޮސްޕިޓަލުން ދެން ލިބޭނެ އެވެ. 

ރާއްޖޭގެ ފުރަތަމަ ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީ އުނގޫފާރު ހޮސްޕިޓަލުގައި ހެދި ޓީމު-- ފޮޓޯ: އުނގޫފާރު ހޮސްޕިޓަލް
ރާއްޖޭގެ ފުރަތަމަ ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީ އުނގޫފާރު ހޮސްޕިޓަލުގައި ހެދި ޓީމު-- ފޮޓޯ: އުނގޫފާރު ހޮސްޕިޓަލް

އުނގޫފާރު ހޮސްޕިޓަލުން ބުނީ އެ ޕްރޮސީޖާ ކުރިއަށް ގެންދާނީ ވަރަށް ކުޑަ ތަންކޮޅެއް ކަފާލައިގެން ކަމަށާއި އޭގެ ސަބަބުން ބޭރުން ފެންނަ ލަކުނެއް ނުހުންނާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ބަލި މީހާގެ ރައްކާތެރިކަން އިތުރުވެ، ރަނގަޅުވުން އަވަސްވާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.