ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ ގާނޫނުއަސާސީ އިސްލާހުކުރިއިރު ރައްޔިތުންގެ ހާއްސަ މަޖިލިހުގައި ތިއްބެވި މެމްބަރުންގެ ވިސްނުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ. 

މީގެ 18 އަހަރު ކުރިން ފެހި ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ނާޒިމް އެހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީން މާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގަ އެވެ. 

ނާޒިމް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓަކުން ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ފަހު، އިންތިހާބުތައް ތަރުތީބު ކުރުން ނުވަތަ އިންތިހާބުތައް ބާއްވާނެ ތާރީހުތައް ކަނޑައެޅުމުގެ ބަހުސް ވެސް އޮތީ މަޖިލިހުގައި ކޮށްފައި ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅުމެއް ކުރިން ހުށަހަޅައި ވޯޓަށް ވެސް އެހި އެވެ. 

"އެހެންވީމާ މިއީ ކުރެވިފައި ނެތް ބަހުސެއް ނޫން. މިއީ ކުރެވި، ނިމިފައި އޮތް ބަހުސެއް، އޭރު ރައްޔިތުން ނިންމެވީ އެގޮތަށް،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގާނޫނުއަސާސީ ތަސްދީގު ކުރުމަށް ފަހު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދެމެދު ފަރަގުތަކެއް އައީ ގިނަ މުއައްސަސާތަކެއް އުފެދި އަދި އާ ގާނޫނުތަކެއް ވުޖޫދަށް ގެނެސް އެ ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނުހެދި ދިގުލައިގެން ދިއުމުން ކަމަށެވެ. އެ ގާނޫނުތައް ހަދައި، މަޖިލިހުން ފާސްކުރަން ނެގި ވަގުތުގެ ސަބަބުން ދެ އިންތިހާބު ބާއްވާ ތާރީހާ ދެމެދު ފަރަގެއް އައީ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބު 2008 ވަނަ އަހަރު ބާއްވާފައި 2009 ވަނަ އަހަރުގެ މޭމަހާ ހިސާބަށް މަޖިލިސް އިންތިހާބު ލަސްވެގެން ދިޔައީ މި ދެންނެވި ގާނޫނުތައް ހެދުން ލަސްވުމުގެ ސަބަބުން، މި ދެންނެވި ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން ލަސްވުމުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ. 

"އެ ދެ އިންތިހާބު އެއްކޮށް ނުބޭއްވުމަކީ އެއްގޮތަކަށް ވެސް ގާނޫނުއަސާސީ ފަރުމާކުރި މުސައްނިފުންގެ ވިސްނުމެއް ނޫން. އޭރު ރައްޔިތުންގެ ހާއްސަ މަޖިލިހުން ނިންމީ ވީ އެންމެ އަވަހަކަށް އެ އިންތިހާބު ބާއްވާ ގޮތަށް."

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާތީ އެކަމާ ދެކޮޅަށް އެމްޑީޕީން ވާހަކަ ދައްކާތީ އެ ޕާޓީ އަށް ވެސް ނާޒިމް ރައްދު ދެއްވި އެވެ. 

އޭނާ ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ މުޅި ދުނިޔޭގައި ވެސް އަލަށް ކުރާ ކަމެއް ކަމަށް އެމްޑީޕީން ދައްކާ ވާހަކަތަކުން ހީވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވަން އުޅެނީ ވަކިވަކިން ކަމަށާއި ހަމައެކަނި ތަފާތަކީ އެއް ދުވަހެއްގައި އެ ދެ އިންތިހާބު ބޭއްވުން ކަމަށެވެ. 

ގިނަ ބަޔަކު ނުކުމެ ވޯޓުލަނީ ރިޔާސީ އިންތިހާބުގައި ކަމަށް ރާއްޖޭގެ ތަފާސްހިސާބުން ދައްކާ ކަމަށާއި އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން އެތައް ބަޔަކު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓުލާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. 

ދުނިޔޭގެ ތަޖުރިބާއިން ނާޒިމް ވިދާޅުވި ގޮތުގައި އެންމެ ބޮޑު އިންތިހާބު ބާއްވާ އިންޑޮނީޝިއާގައި ވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވަނީ އެއް ދުވަހެއްގަ އެވެ. އޭގެ އިތުރުން ތުރުކީ އާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުގައި ވެސް އެ ދެ އިންތިހާބު ބާއްވަނީ އެއް ދުވަހެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރާއްޖެ ގޮތަށް ނުވަ މަސް ދުވަހާއި 12 ދުވަހުގެ ފަރަގެއް ބާއްވައިގެން ކުރިއަށް ދިޔަ ގައުމެއް ސީޝެލްސްއަކީ. ސީޝެލްސް އިން 2020 ވަނަ އަހަރު މި ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނިންމާފައި. ސީޝެލްސްގައި އޭގެ ފަހުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވި އެ ގައުމު އެ ދަނީ ކުރިއަަށް ދިއުމުގެ މަގުމަތީގައި،" ނާޒިމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މަސައްކަތް ކުރަނީ ހެޔޮނިޔަތެއްގަ އެވެ. އެހެންވެ، ރައްޔިތުން އެކަން ބަލައިގަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުަވހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކުގަ އެވެ.