ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށްޓަކައި ވެސް މިހާރު ކުރަން ލަސްވެފައިވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ފެންނަ ނުފެންނަ ވޯޓަކަށް އަހަން ވަނީ ނިންމައިފަ އެވެ.
އެހެންވެ، އެކަމަށް ތާއީދު ކުރައްވައި ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމާއި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުން، އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ގާސިމް ވިދާޅުވީ ވެރިކަމަށް އައުމަށް ފަހު ކޮންމެ ސަރުކާރަކުން ވެސް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް މަސައްކަތްކުރާ ކަމަށެވެ. ދެހާސް ނަވާރަ އަދި 2023 ގެ މަޖިލިސް އިންތިހާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިން ބައި ގޮނޑި ވެރިކަން ކުރާ ޕާޓީއަށް ދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެހެންކަމުން މިހާރު މިއޮތް ގޮތުން ރައްޔިތުން ފަސް އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބު ކުރާ ފަރާތަށް މި ޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަސް އެކަމުގައި ހޭދަކުރާށެވެ،" ގާސިމް ވިދާޅުވި އެވެ.
"އަދި މީގެ އިތުރުން މަޖިލީހުގައި އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެ ސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސް އަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން ވެސް ބައެއް ފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައި ވެ އެވެ."
އެހެންވެ، އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމަކީ ގައުމުގެ ސިޔާސީ ހަމަޖެހުމަށް ކުރަން ލަސްވެފައިވާ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"މަޖިލީހުން ގެންނެވި މި އިސްލާހު ރައީސް ތަސްދީގު ކުރައްވާނީ ރައްޔިތުންގެ މިކަމަށް އާބަސް ބުނުމުން ކަމަށް ވާތީ އަޅުގަނޑު އެދެނީ އަންނަ އެޕްރީލް މަހު، ކުރީކޮޅު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާ އެކު އޮންނަ ރައްޔިތުންގެ "ފެންނަނުފެންނަ" ވޯޓުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެގޮތަށް "ފެންނަ" ކަމަށް ވޯޓު ދެއްވުމެވެ،" ގާސިމް އެދިވަޑައިގަތެވެ.
ގާސިމް ވިދާޅުވީ އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން އޭގެ ފައިދާ ބޮޑީ ރައްޔިތުންނަށް ކަމަށެވެ. ޓެކްސް ފައިސާ އިން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި އެ ފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތާ ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް އޭގެ ސަބަބުން ކުޑަވާނެ ކަމަށެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާސިމް އެކަމަށް ތާއީދުކުރިއިރު އިދިކޮޅު އެމްޑީޕީން ދަނީ އެކަމާ ދެކޮޅަށް ވަކާލާތުކުރަމުންނެވެ. ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލްކުރަން އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި އެ ގަރާރުގެ ދަށުން، ފެންނަ ނުފެންނަ ވޯޓު ނެގުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދިފައިވެ އެވެ.