ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ރައީސްް އަބްދުﷲ މައުސޫމު ނުސީދާ ގޮތެއްގައި ޖުމްހޫރީ ޕާޓީ އަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އެހެން ބައެއް ބޭފުޅުން ޖޭޕީއާ ފެޔަށް ޖެހިވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ޓިކެޓް ނުލިބިދާނެތީ ކަމަށް އެ ޕާޓީން ބުނެފައި ވަނިކޮށް މައުސޫމް އިއްޔެ ކުރެއްވި ޓްވީޓެއްގައި "2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފަށަން އަދި ތަންކޮޅެއް އަވަސް ނޫންތޯ؟" އޭ ވިދާޅުވެފައިވެ އެވެ.

މައުސޫމުޖޭޕީގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވީ ސަފީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އެވެ. އެކަމަކު އޭނާ ހުންނެވީ ޖޭޕީގެ މެމްބަރެއްގެ ގޮތުގަ އެވެ.

ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ނާޒިމް ވިދާޅުވެފައިވަނީ ސިޔާސީ މަސްރަހުގައި ޖުމްހޫރީ ޕާޓީ އަށް އައި ބަދަލުތަކާއި ޕާޓީގެ މިސްރާބު ހުރި ގޮތުން ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، މި ވަގުތު ޕާޓީގެ މަސައްކަތްތަކުގައި އުޅެން ދަތިތަކެއް ހުރުމުން އިސްތިއުފާ ދެއްވީ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހައްޔަރުކޮށް ޖަލަށް ލައި އަދި ވިޔަފާރި އަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރި އިރު އެ ކަންކަން ދިފާއުކޮށް ޔާމީނާ އެކު އެންމެ އަރިސްކޮށް މަސައްކަތްކުރެއްވި ސިޔާސީ އެތައް ބަޔަކު ޖުމްހޫރީ ޕާޓީއާ މިހާރު ވަނީ ގުޅިފަ އެވެ. އަދި ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ގާސިމް ވާދަކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ނާޒިމްގެ ވާހަކަތަކަށް ރައްދު ދީ ޖޭޕީން އިއްޔެ ބުނީ އޭނާ އިސްތިއުފާ ދެއްވީ މަގާމުގެ މަސްއޫލިއްޔަތު އެއްވެސް މިންވަރަކަށް އަދާނުކުރައްވާތީ، އިސްތިއުފާ ދެއްވަން މީގެ ދެތިން ދުވަސް ކުރިން ޖޭޕީން އެދުމުން ކަމަށެވެ.