މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމުގައި އަމަލުކުރަމުންދާ އުސޫލަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަދަލުތަކެއް ގެނައުމަށް އެމްޕީއެލުން ނިންމައިފި އެވެ.
އެމްޕީއެލުން ކުރި އިއުލާނެއްގައި ބުނީ އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލަށް ބަދަލުތަކެއް ގެނައީ އުސޫލު ހަރުދަނާ ކުރުމަށް ކަމަށެވެ. އެ އުސޫލަށް އަމަލުކުރާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެންނެވެ.
އެމްޕީއެލުން 7 ބަދަލެއް ގެނައުމަށް ނިންމާފައިވެ އެވެ. އެއީ:
- މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރު، މާލެ ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމަށް ފަހު، ފުރާ ވަގުތުން ފެށިގެން ކޮންްމެ ކިޔު އެއްގައި ވެސް ނޯޓު ކުރެވިދާނެ.
- ކިޔު ތަރުތީބުން ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން އެއްވެސް ސަބަބަކާ ހުރެ 2 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ވަގުތީގޮތުން "ހޯލްޑް" ކުރެވޭނެ. ކިޔުގައި ދެން ހުރި އުޅަނދުތަކަށް ތަރުތީބުން ގުޅާ ޖާގަ ދެމުންގެންދާނެ.
- އެ ދެ ޒޯނުން "ހޯލްޑް" ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ އެ އުޅަނދެއް މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުން. މިގޮތަށް ގުޅައި "އަންހޯލްޑް" ކުރުމަކީ އެ އުޅަނދެއްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް.
- އޭ-ޒޯން އަދި ސީ-ޒޯން ކިޔުގައި "ހޯލްޑް" ކުރުމަށް ފަހު އަލުން ކިޔުއަށް އިތުރުކުރާ އުޅަނދުތަކަށް، ޖާގައެއް ހުސްވެއްޖެ ނަމަ ގުޅާނީ "އަންހޯލްޑް" ކުރިތާ ދެ ގަޑިއިރު ފަހުން. އެ ވަގުތު ހަމަވުމުން އޮފީހުން ގުޅުމުންވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރި ނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެނަމަ ޖާގަ ފަސްކުރެވޭނެ. މިގޮތަށް ފަސްކޮށްދެވޭނީ ގިނަވެގެން 3 ފަހަރަށް. އަދި ހަތަރު ވަނަ ފަހަރު ކިޔުއިން ކެންސަލްވާނެ.
- އޭ-ޒޯން އަދި ސީ-ޒޯންގައި "ހޯލްޑް" ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކްސްޕްރެސް ކިޔުގައި "ހޯލްޑް" ނުވަތަ "ޕޯސްޓްޕޯން" ކުރުމެއް ނޯންނާނެ. އެކްސްޕްރެސް ކިޔުއިން ޖާގައެއް ހުސްވެގެން ގުޅުމުން، އެ ޖާގައަށް ކައިރިކުރުމަށް ލިބޭނީ 4 ގަޑިއިރު. އެ ވަގުތަށް ކީވޯލް ޗާޖް ހިނގާނެ. އަދި އެ 4 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ، އެ އުޅަނދެއް ކިޔުއިން ކެންސަލްވާނެ.
- އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން "ހޯލްޑް" ކުރުމަށް ފަހު، "އަންހޯލްޑް" ނުކޮށް ގިނަވެގެން ބޭއްވޭނީ 5 ދުވަސް ނުވަތަ 120 ގަޑިއިރު. އެ މުއްދަތު ހަމަވުމުން ކިޔުއިން އުޅަނދު އުނިކުރެވޭނެ.
- މާލެ ނޯތު ހާބަރުން ފުރުމަށްފަހު ކިޔުގައި ނޯޓު ކުރުމާއި ކިޔުއިން ކެންސަލްވުމަށްފަހު އަލުން ނަން ނޯޓުކުރުމަކީ އެ އުޅަނދެއްގެ ޒިންމާއެއް.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރުއަޅައިގެން އަލުން ހެދުމުގެ މަސައްކަތަށް ނޯތު ހާބަރު ސަރަހައްދުގެ އުޅަނދުތައް އެކި ސަރަހައްދުތަކަށް ބަދަލުކުރުމަށް ފަހު ވަނީ މިދިޔަ މަހުގެ 19 ގައި އެތަން އަލުން ބޭނުންކުރަން ފަށައިފަ އެވެ.
ނޯތު ހާބަރުގެ އޭ ޒޯނު ނުވަތަ ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑާ ދިމާލުން އަޅާފައިވާ އުޅަނދުތަކަށް މީގެ ކުރިން ފެނާއި ކަރަންޓެއް ނުލިބެ އެވެ. އެކަމަކު އެ ސަރަހައްދަށް ވެސް ފެނާއި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އެމްޕީއެލުން އަންނަނީ ކުރަމުންނެވެ.