މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދު ކުރިމަތީގައިވާ ތޮށިގަނޑަށް ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލުން ފަށައިފި އެވެ. 

އެމްޕީއެލުން ފޭސްބުކްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތަށް އެމްއެމްއޭ ސަރަަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީ އަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތައް އަލުން އެ ސަރަހައްދުގައި ބަނދަރުކުރަން ފަށާފައިވާ ކަމަށެވެ. 

އެމްޕީއެލުން ބުނި ގޮތުގައި ނޯތު ހާބަރުގެ އޭ ޒޯނު ނުވަތަ ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑާ ދިމާލުން އަޅާފައިވާ އުޅަނދުތަކަށް މީގެ ކުރިން ފެނާއި ކަރަންޓެއް ނުލިބެ އެވެ. އެކަމަކު އެ ސަރަހައްދަށް ވެސް ފެނާއި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލުން ބުނީ ނޯތު ހާބަރުގެ ހިދުމަތް އަލުން ފެށިއިރު، އެ ސަރަހައްދަށް ގެނެސްފައިވާ އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އާ ފައްތިއްޔާތަކެއް ބޭނުންކުރަން ފެށުމެވެ. 

ނޯތު ހާބަރުގެ އޭ ޒޯނަށް ފެނާއި ކަރަންޓު ދިނުމަށް ދަނީ މަސައްކަތްކުރަމުން.-- ފޮޓޯ: އެމްޕީއެލް
ނޯތު ހާބަރުގެ އޭ ޒޯނަށް ފެނާއި ކަރަންޓު ދިނުމަށް ދަނީ މަސައްކަތްކުރަމުން.-- ފޮޓޯ: އެމްޕީއެލް

އޭގެ ސަބަބުން އެ ބަނދަރު ބޭނުންކުރާ އުޅަނދު ފަހަރަށް ކުރިއަށް ވުރެ ރައްކާތެރިކަމާ އެކު ބަނދަރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 

އެމްޕީއެލުން ބުނީ ކުރިއަށް އޮތް ހަފުތާގައި ނޯތު ހާބަރުގެ ބީ ޒޯނު ނުވަތަ ހުޅަނގު ފަރާތު ތޮށިގަނޑަށް ވެސް އުޅަނދުތައް ބަދަލުކުރަން ފަށާނެ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ދަށުން އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ފުޅާކޮށް، ތާރު އަޅައި ނިންމައި އެތަން އާންމުންނަށް ހުޅުވާލީ މި ރޯދަ މަސް ފެށެން ހަތަރުވަރަކަށް ދުވަސް ކުރިންނެވެ. 

ނޯތު ހާބަރު ސަރަހައްދު، މުދަލާއި ފަސިންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑިފަހަރަށް ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. 

ލޯކަލް މާރުކޭޓާއި މަސް މާރުކޭޓު ހިމެނޭ ސަރަހައްދަކީ މާލޭގައި އެންމެ ކާރޫބާރޫބޮޑު އަދި ޓްރެފިކް އެންމެ ބޮޑަށް ތޮއްޖެހޭ އެއް ސަރަހައްދު ކަމަށް ވިޔަސް ބޮޑުތަކުރުފާނު މަގު ފުޅާކުރުމާ އެކު، އެތައް ޒަމާންވީ އެ އުނދގޫ މައްސަލަ މިހާރު ވަނީ އެއްކޮށް ހައްލުވެފަ އެވެ.