ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރުއަޅައިގެން އަލުން ހެދުމުގެ މަސައްކަތް ފެށުމަށް މީގެ ދެ މަސް ކުރިން ބަންދުކުރި ނޯތު ހާބަރު އުޅަނދުތަކަށް ހުޅުވާލައިފި އެވެ. 

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ސެގްމެންޓުގެ މަސައްކަތް ކުރުމަށް، ނޯތު ހާބަރުގެ އިރުމަތީ ފަރާތުން ކަނޑު އުޅަނދުތައް ނަގަން އެންގީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ގަ އެވެ. 

ވަޅޯމަސް މާރުކޭޓާ ހިސާބުން ފެށިގެން ނޯތު ހާބަރާ ހަމައަށް ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް ފަޅުން ބައެއް ހިއްކުމަށާއި މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ފަޅުން އުޅަނދުތައް ހުސްކުރަން ޖެހުމުން ބޯޓުތަކަށް މުދާ އަރުވައި ބާލަަން ހުޅުމާލެ އާއި މާލޭގެ އެހެން ބައެއް ސަރަހައްދުތަކުގެ ބަނދަރު ބޭނުންކުރި އެވެ. 

މަގު ހެދުމުގެ މަސައްކަތުގެ ދަށުން އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ފުޅާކޮށް، ތާރު އަޅައި ނިންމައި މިދިޔަ ހަފްތާގައި ވަނީ މަގު ބޭނުންކުރަން ފަށައިފަ އެވެ. މަގު ހުޅުވީ ދެކޮޅަށް ދުއްވޭ ގޮތަށް ކަމަށް ވާތީ އެ ހިސާބުގެ ޓްރެފިކަށް ވަނީ ބޮޑު ލުޔެއް ލިބިފަ އެވެ. 

އެހެންވެ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނީ މަގު ފުޅާކުރުމަށް ހުސްކޮށްފައިވާ ނޯތު ހާބަރު ސަރަހައްދު، މުދަލާއި ފަސިންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑިފަހަރަށް ހުޅުވާލާފައިވާ ކަމަށެވެ. 

އެތަން ބޭނުންކުރުމަށް ހުޅުވާލީ ރޭ 11:00 ގަ އެވެ. 

އެމްޕީއެލް އިން ބުނީ އެ ސަރަހައްދުގައި ބަނދަރު ކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުތައް އެކަނި ކަމަށެވެ. 

ނޯތު ހާބަރު އުޅަނދުތަކަށް ހުޅުވާލިއިރު އެމްޓީސީސީން ބުނެފައިވާ ގޮތުގައި ދެން މަސައްކަތް ފަށާނީ ރަސްމީ ޖެޓީން ފެށިގެން ހެންވޭރުން އެމްޓީސީސީގެ ފެރީ ޓާމިނަލާ ހަމައަށް މަގު ހެދުމުގެ މަސައްކަތެވެ. 

ރޯދަ މަހުގެ ތެރޭގައި އެ މަސައްކަތް ފަށައި އަންނަ އޭޕްރީލް/ މެއި އަށް ނިމޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެފައިވެ އެވެ.