މާލޭ ނޯތު ހާބަރުގެ "ޒޯން އޭ" އިން ހިދުމަތް ހޯދާ ކަނޑު އުޅަނދުފަހަރުތަކަށް ޖެޓީ ނަމްބަރު 1 (އެމްއެމްއޭ ކުރިމަތީގެ ސަރަހައްދު) ވަގުތީ ގޮތުން ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.
މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް އަލުން ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މި މަހުގެ 8 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާއިރު، އެ ސަރަހައްދުގައި އުޅަނދުތައް ބަނދަރު ކުރުމަށް ދޭތެރެދޭތެރެއިން އަންނަނީ ބަދަލުތައް ގެންނަމުންނެވެ.
އެމްޕީއެލް އިން މިއަދު ބުނީ، ވަގުތީ ގޮތުން ގެނައި ބަދަލަށް އަމަލުކުރާ މުއްދަތުގައި، ޖެޓީ ނަމްބަރު އެކެއްގެ ބޭނުން ހިފާ އެއްވެސް ކަނޑު އުޅަނދަކަށް ފީއެއް ނުނަގާނެ ކަމަށެވެ.
ޖެޓީ ނަމްބަރު އެކެއް ވަގުތީ ގޮތުން ބޭނުންކުރަން ހަމަޖެހިފައިވާ ގޮތް:
- އެ ސަރަޙައްދަށް އުޅަނދުފަހަރުތައް ވަދެ ކައިރިކޮށް އަދި ބޭއްވޭނީ މާލޭ ނޯތު ހާބަރުގެ ހުއްދަ ލިބިގެން
- ކީވޯލަށް އުޅަނދުފަހަރުތައް ކައިރި ކުރެވޭނީ މާލެ ނޯތު ހާބަރުގެ "ޒޯން އޭ" (އެއްގަމު ތޮށި) ކިޔު ތަރުތީބުން
- އެ ސަރަހައްދު ކީވޯލުގައި އުޅަނދުފަހަރުތައް ބޭއްވޭނީ ގިނަވަގެން 10 ދުވަހުގެ މުއްދަތަށް. އެ މުއްދަތަށް ވުރެ އިތުރަށް ކީވޯލްގައި އުޅަނދެއް ބާއްވަން ބޭނުންވާ ނަމަ އެ އުޅަނދަށް ކީވޯލާ ކައިރި ކުރެވޭނީ އަލުން ކިޔުގައި ނޯޓުކުރުމަށް ފަހު ކިޔު ތަރުތީބުން.
އެމްޕީއެލް އިން ބުނި ގޮތުގައި، އެގޮތަށް އަމަލުކުރަން ނިންމާފައިވަނީ ހުރިހާ އުޅަނދުފަހަރަށް ވެސް އިންސާފުވެރި، ހަމަހަމަ އުސޫލަކުން ހިދުމަތް ދިނުމުގެ ބޭނުމުގަ އެވެ.
މާލޭ ނޯތު ހާބަރުގެ ޒޯން އޭއަށް ބަދަލުތަކެއް ގެނައި ނަމަވެސް "ޒޯން ބީ" އަދި "ޒޯން ސީ" ގެ ބޭނުންކުރާ އުޅަނދުފަހަރުތައް އަމަލުކުރަންޖެހޭ އުސޫލުތަކަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.