މާލޭ ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް ސަރުކާރާ އެކު މިހާތަނަށް އެއްވެސް ކަހަލަ މަޝްވަރާއެއް ނުކުރާ ކަމަށް އެމްޕީއެލުން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނީ، ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ ކަނޑު އުޅަނދުފަހަރުން ނަގާ ފީ ބޮޑުކުރަން ނިންމާފައިވާ ކަމަށް ބުނެ، މިހާރު ކުރިއަށް ގެންދާ ލޯކަލް އިލެކްޝަންގެ ކެމްޕެއިންގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާފައިވާތީ އެވެ.
އެ ވާހަކަތަކަށް ރައްދުދީ، އެމްޕީއެލުން ބުނީ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާ އެކު އެ ކުންފުނިން ކުރިއަށް ނުގެންދާ ކަމަށެވެ.
"އެހެންކަމުން، މިކަމާ ގުޅޭ ގޮތުން ދެއްކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެކެވެ،" ބަޔާނުގައި ވެ އެވެ.
އެމްޕީއެލުން ބުނީ، ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭ ނޯތު ހާބަރުގެ ހިދުމަތްތައް ފުޅާކޮށް، 'އޭ ޒޯން' ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އަންގަވާފައި ކަމަށެވެ. އެހެންވެ، އެ ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް އެމްޕީއެލުން ބުންޏެވެ.
"މި ކުންފުނީގެ އަމާޒަކީ މާލޭ ނޯތު ހާބަ ބޭނުންކުރާ އޮޑި ދޯނިފަހަރަށް ވީހާ ވެސް ލުއި ފަސޭހަގޮތަކަށް ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލުކުރަމުންދާ އުސޫލަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. މި ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ،" އެމްޕީއެލްގެ ބަޔާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މަސްވެރިކަން ކުރާ އޮޑި ދޯނިފަހަރަށް ހާއްސަ ކޮށްފައިވާ މާލެ ނޯތު ހާބަރުގެ "ޑީ ޒޯން" އާއި "އީ ޒޯން" އަދި "އެފް ޒޯން" ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރު ވެސް ފީއެއް ނުނަގަ އެވެ.
މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަށް ފަހު، އެ ޒޯންތައް އަލުން ހުޅުވައިލިއިރު، އެމްޕީއެލުން އަމަލުކުރަމުން އައި އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓަރީ ނުކުރާ އެއްވެސް އުޅަނދަކަށް އެ ސަރަހައްދު ބޭނުން ނުކުރެވޭ ގޮތް ހެދުން ކަމަށް އެ ކުންފުނިން ބުންޏެވެ.
"މާލޭ ނޯތު ހާބަރަކީ ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާ ގުޅިފައިވާ ތަނަކަށްވާއިރު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ހިތާމަ ހުރި ކަމެކެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި ހިދުމަތްތަކާ ގުޅޭގޮތުން މިފަދަ ހަގީގަތެއް ނެތް ވާހަކަތަކަށް ނުފެތުރުމަށް މި ކުންފުނިން އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ވެ އެވެ.