ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި އާ އިމާރާތެއް އަޅަން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ. 

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ކުޅުދުއްފުށީ ހޮސްޕިޓަލްގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރަން އިތުރުކުރާ އާ އިމާރާތް އެޅުމުގެ އެގްރިމެންޓުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އަދި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުލްރަހްމާން ޔޫސުފް ވަނީ ސޮއިކުރައްވައިފަ އެވެ.

މިނިސްޓްރީން ބުނީ އެ އެގްރިމެންޓުގެ ފުރަތަމަ ފިޔަވަހީގައި ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރާއި ސީއެސްއެސްޑީ އަދި އެނޫން ވެސް އެހެން ހިދުމަތްތައް ހޮސްޕިޓަލްގެ އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށެވެ. 

އާ އިމާރާތުގެ މަސައްކަތްކުރާނީ އެއަށްފަހުގަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަން ހަވާލުކުރިއަސް، އެ ޕްރޮޖެކްޓުގެ އަގެއް އަދި މަސައްކަތް ނިންމަން ދިން މުއްދަތެއް މިނިސްޓްރީން ނުބުނެ އެވެ. 

އެ ހޮސްޕިޓަލް އިމާރާތުގެ އިތުރުން އއ. ބޮޑުފުޅަދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ވެސް ލައިކަން ނަމަކަށް ކިޔާ ކުންފުންޏަކާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ. 

އެ އެގްރިމެންޓުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައިމަނެވެ. 

މިނިސްޓްރީން ބުނީ ބޮޑުފުޅަދޫ ސިއްހީ މަރުކަޒުގެ އާ އޮފީހާއި ޕަބްލިކް ހެލްތު ޔުނިޓާއި ލެބޯޓްރީ އާއި މީޓިން ހޯލާއި ލޯންޑްރީ ބަޔަކާއި ސިއްހީ އަދި އާއްމު މުދާ ބަހައްޓަން ވަކި ތަނެއް ހަދާނެ ކަމަށެވެ. 

 ބޮޑުފުޅަދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ނިންމަން ދިން މުއްދަތާއި ހަވާލުކުރި އަގެއް ވެސް މިނިސްޓްރީން ނުބުނެ އެވެ.