ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 43 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
06 ޖުލައި 2025 - 22:38
މި ސަރުކާރުން އިފްތިތާހްކޮށްފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިޖިޓަަލައިޒޭޝަން ސިޔާސަތު "މޯލްޑިވްސް 2.0" އާ އެކު ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ފަސްޓް ލޭޑީ ވިދާޅުވީ ދުނިޔެއަށް އައިސްފައިވާ ޓެކްނޮލޮޖީގެ އިންގިލާބާ އެކު ސިއްހީ ދާއިރާ މިއަދު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. ރާއްޖެ ޑިޖިޓަލައިޒް ކުރާ ސިޔާސަތުގައި އެންމެ ފުރަތަމަ ސިއްހީ ދާއިރާއަށް އިސްކަން ދީފައި އޮތުމަކީ އުއްމީދީ ފުރުސަތެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވި އެވެ.
ސިއްހީ ދާއިރާގެ ހިދުމަތުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި، ސާޖިދާ ފާހަގަކުރެއްވި ގޮތުގައި ކުރީގައި އެތައް މެޝިނަކުން ނޫނީ ނުހެދޭ ޓެސްޓުތައް މިހާރު ކުޑަ މެޝިނެއްގެ އެހީގައި ހެދެ އެވެ. ދުނިޔޭގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ ޓެލެމެޑިސިނަށް ބިނާކޮށް ވަގުތުން ލިބޭ ކަމަށާއި ހިތުގެ ބަލިތަކާއި ކިޑްނީ އަދި ނާރުގެ މައްސަލަތައް ފަދަ ކަންކަމުގައި ވެސް ދުރު ހޮސްޕިޓަލުގެ ޑޮކްޓަރުންގެ މަޝްވަރާ ވަގުތުން ހޯދުމަކީ ފަސޭހަ ކަމަކަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި މި ބަދަލުތަކާއި ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުމާ އެކު ސިއްހީ ދާއިރާ އިން ފެންނާނީ ފަސޭހަތަކެކެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 43 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ސާޖިދާ ވިދާޅުވީ މޯލްޑިވްސް 2.0ގެ ސަބަބުން ޒަމާނީ ޓެކްނޮލޮޖީއާ ރާއްޖެ ލާމެހިގެންދާނީ އާދަޔާ ހިލާފު ގޮތެއްގައި ކަމަށާއި މިއީ ވަރަށް އުއްމީދީ ފުރުސަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މި މަޝްރޫއު [މޯލްޑިވްސް 2.0] ގައި އެންމެ ފުރަތަމަ ތަރައްގީ ކުރެވޭ ދާއިރާގެ ގޮތުގައި ސިއްހީ ދާއިރާ ވަނީ އިއުލާންކުރެވިފައި. އެހެންކަމުން މިއީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް އުއްމީދީ ފުރުސަތެއް. ރައީސް ޑރ. މުހައްމަދު މުއިއްޒު ސިއްހީ ދާއިރާއަށް ގެންނަވަން ގަސްދުކުރައްވާ ވަރަށް ބޮޑު އިންގިލާބީ ބަދަލެއް،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ކޮންމެ ރައްޔިތަކަށް ވެސް އެމީހެއްގެ ސިއްހަތާ މެދު އިތުބާރާއި ޔަގީންކަން ބޮޑުވެގެންދާނެ އެވެ.
ހއ. އާއި ހދ. އަތޮޅުގެ ސިއްހީ ހިދުމަތް ބަރޯސާވެފައި އޮތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެކި ބަލިތަކަށް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 120،000 އެއްހާ މީހުން ފަރުވާ ހޯދާފައިވާ ކަން ފާހަގަކުރެއްވި އެވެ. މި އަދަދަށް ބަލާއިރު، ތިލަދުންމަތީގައި ރަނގަޅު ސިއްހީ ފަރުވާއެއް ކަށަވަރުވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްތައް ހޯދޭނެ ގޮތެއް އޮތުމަކީ ސަރުކާރާއި ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް ފައިދާ ހުރި ގޮތެއް ކަމަށް ސާޖިދާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 43 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
އެ ޖަލްސާގައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އާ ހިދުމަތްތަކެއް ވެސް ފަށައިފަ އެވެ. އޭގެ ތެރެއިން ޓެލެމެޑިސިންގެ ހިދުމަތާއި އެންޑޯމެޓްރިއޯސިސް ހިދުމަތް ފައްޓަވައިދެއްވީ ފަސްޓް ލޭޑީ އެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ކްލިނިކްގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ޑައިރެކްޓާ ޖެނަރަލް އޮފް ހެލްތު، ޑރ. އަހުމަދު އަޝްރަފް އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކާއި މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ވެސް އެ ޖަލްސާގައި އެވޯޑު ދިނެވެ. އޭގެތެރޭގައި އެ ހޮސްޕިޓަލަށް 10 އަހަރާއި 20 އަހަރާއި 30 އަހަރުގެ މުއްދަތަކަށް ހިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޓިޒަން
07 July 2025
ވަންގަވް އަދި އީފާސް ކަހަލަ މަޝްރޫޢުތަކަށް ދެން ވާނީ ކިހިނެތްތޯއެވެ؟ މިވެސް ހާދަހާ ގިނަ ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ތަރަށްޤީކޮށް ހިންގަމުންދާ މަޝްރޫޢުތަކެކެވެ!
ބަލިމޚހާ
07 July 2025
ތި ބަދަލެއް ކުރިއެރުމެއް ލިބުނު ކަމަށް އަހަރެން ގަބޫލްކުރާނީ ތިބޭފުޅުން ސިންގަޕޫރާއި އެހެނިހެން ގައުމުތަކަށް ބޭސްފަރުވާ ކުރަން ދިއުން ހުއްޓާލައި ރާއްޖެއިން ފަރުވާ ހޯދަން ފެށި ދުވަހަކުން.
ޑޜ ވާންޗޯ
06 July 2025
އިންގިލާބް، ޒިންދާބާދް.