ހދ. ހަނިމާދުއަށް ބަދަލުކުރަން ނިންމާފައިވާ އެ އަތޮޅު ހިރިމަރަދޫ މީހުންނަށް އެ ރަށުން ގޯތި ދިނުމާ ދެކޮޅަށް އެ ރަށު ބަޔަކު މުޒާހަރާ ކޮށްފި އެވެ.

އިއްޔެ ހަވީރު ހަނިމާދޫގެ ބޮޑެތި މަގުތަކުގައި އެ ރަށު ބަޔަކު ވަނީ ބޯޑުތައް ހިފައިގެން ސައިކަލުބުރެއް ކުރިއަށް ގެންގޮސްފަ އެވެ.

އެނގިފައިވާ ގޮތުގައި އެ މުޒާހަރާ ކުރިއަށް ގެންދިޔައީ ހަނިމާދޫ ރައްޔިތުން ފާސްކޮށްފައިވާ ލޭންޑްޔޫސް ޕްލޭންގައި ހަނިމާދޫ ރައްޔިތުންނަށް ގޯތިދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ނިންމާފައިވާތީ ކަމަށެވެ.

ހިރިމަރަދޫ މީހުންނަށް ހަނިމާދޫން ގޯތި ދިނުމާ ދެކޮޅަށް ހަނިމާދޫ ބަޔަކު އިއްޔެ ކުރި މުޒާހަރާ-- ފޮޓޯ: ގޮއްކޮޅު
ހިރިމަރަދޫ މީހުންނަށް ހަނިމާދޫން ގޯތި ދިނުމާ ދެކޮޅަށް ހަނިމާދޫ ބަޔަކު އިއްޔެ ކުރި މުޒާހަރާ-- ފޮޓޯ: ގޮއްކޮޅު

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި މުޒާހަރާކުރި މީހުންގެ ހިތްހަމަނުޖެހުމަކީ އެ މީހުންނަށް ގޯތި ނުދީ ރަށަށް ބަދަލުކުރާ ބަޔަކަށް އިސްކަން ދިނުމެވެ. ހިރިމަރަދޫ މީހުންނަށް ގޯތި ދޭން ޖެހޭނީ ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ސަރަހައްދުން ގޯތި ދޫކޮށްފައި ކަމަށް އެ މީހުން ބުނެ އެވެ. 

މިކަމާ ގުޅޭ ގޮތުން ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ. 

ހިރިމަރަދޫ މީހުންނަށް ހަނިމާދޫން ގޯތި ދިނުމާ ދެކޮޅަށް ހަނިމާދޫ ބަޔަކު އިއްޔެ ކުރި މުޒާހަރާ-- ފޮޓޯ: ގޮއްކޮޅު
ހިރިމަރަދޫ މީހުންނަށް ހަނިމާދޫން ގޯތި ދިނުމާ ދެކޮޅަށް ހަނިމާދޫ ބަޔަކު އިއްޔެ ކުރި މުޒާހަރާ-- ފޮޓޯ: ގޮއްކޮޅު

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ހިރިމަދުއަަށް ވަޑައިގެން އެމަނިކުފާނު ވަނީ އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފަ އެވެ.

އޭރު ރައީސް ވިދާޅުވެފައި ވަނީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫއިން ގެއެއް ލިބޭނެ ކަމަށާއި އަދި 18 މަސް ތެރޭގައި އެތަންތަނުގެ މަސައްކަތް ނިންމައި، ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެރަށަށް ބަދަލުވާން މަޖުބޫރު ކުރުމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ހިރިމަރަދޫ މީހުންނަށް ހަނިމާދޫން ގޯތި ދިނުމާ ދެކޮޅަށް ހަނިމާދޫ ބަޔަކު އިއްޔެ ކުރި މުޒާހަރާ-- ފޮޓޯ: ގޮއްކޮޅު
ހިރިމަރަދޫ މީހުންނަށް ހަނިމާދޫން ގޯތި ދިނުމާ ދެކޮޅަށް ހަނިމާދޫ ބަޔަކު އިއްޔެ ކުރި މުޒާހަރާ-- ފޮޓޯ: ގޮއްކޮޅު

މީހުން ބަދަލުކުރަން ނިންމާފައި އޮތުމުން، ހިރިމަރަދޫން ގޯތި ދޫކުރުން ވެސް ފަހުން އޮތީ ހުއްޓުވައިފަ އެވެ.

ހިރިމަރަދޫ އަކީ ހދ. އަތޮޅުގައި މީހުން އުޅޭ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުގެ ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.