ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާމަން އަބްދުލްމުއިއްޒު ހަސަން މިއަދު ނިޔާވެއްޖެ އެވެ.
މުއިއްޒު ނިޔާވީ ހުޅުމާލެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. ހާލު ގޯސްވެ، އޭނާއަށް ލޭ ދޭނެ ހަ ޑޯނަރުން ހޯދަން އިއްޔެ އިއުލާން ވެސް ކުރި އެވެ.
އެޗްޑީސީގައި ވަޒީފާ އަދާކުރަމުން އަންނަ މުއިއްޒަކީ ތެލެސީމިއާ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މިހާރުގެ ވެސް މެންބަރެކެވެ. އޭނާއަކީ ތެލެސީމިއާ ކުދިންގެ ހައްގުގައި ވަކާލަތުކޮށް، އެކަމަށް މީހުން ހޭލުންތެރިކޮށް، ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ކުރަމުން އައި ތެލެސީމިއާ ބަލީގެ ޒުވާނެކެވެ.
މުއިއްޒު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ މުއިއްޒު ނިޔާވި ޚަބަރު އަޑުއެއްސެވީ ފުންހިތާމައާއެކު ކަމަށެވެ.
"މިއީ، އެޗްޑީސީގެ މުވައްޒަފުންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުން ވެސް ހިތްވަރުގަދަ ކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއް،" ރައީސް ވިދާޅުވި އެވެ.