ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުންގެ ތެރެއިން އެކަކު ބަންދުން ދޫކޮށްލަން ނިންމީ އެއީ ބަރާބަރަށް ލޭއަޅަންޖެހޭ މީހަކަށް ވުމާ އެކު، ޖަލުގައި ހުރެ ލޭ އެޅުމުގައި ހުރި އުނދަގޫތަކަކާ ގުޅިގެން އާއިލާ އިން އެދިގެން ކަން އެނގިއްޖެ އެވެ.
ސިއްހީ ހާލަތަށް ރިއާޔަތްކޮށް މިއަދު ބަންދުން ދޫކޮށްލީ މަނަދޫ، ވިނަރެސް، ހަސަން ފަވާޒެވެ.
އޭޕްރީލް، 2023 ގައި ނައީމާ ދިރިއުޅުނު ގޭގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރަނީ ފަވާޒުގެ އިތުރުން މަނަދޫ، ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި އެ ރަށު ފެހިވިލާގޭ އަޒުހަމް އަބްދުއްޝުކޫރުގެ މައްޗަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން އުމުރުން 21 އަހަރުގެ ފަވާޒަކީ ބަރާބަރަށް ލޭ އަޅަންޖެހޭ، ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ޒުވާނަކަށް ވާތީ، އާއިލާގެ އެދުމުގެ މަތިން އޭނާ ބަންދުން ދޫކޮށްލަން ޕީޖީ އޮފީހުން ނިންމީ އެވެ.
ނަމަވެސް ފަވާޒު ބަންދުން ދޫކޮށްލީ ކޯޓުން ކަނޑައެޅި ހަރުކަށި ޝަރުތުތަކަކާ އެކުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިޔުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު ޕީޖީ އޮފީހަށާއި ކްރިމިނަލް ކޯޓާ ހިއްސާކުރުން.
- ބަންދުން ދޫކޮށްލާފައި ހުންނައިރު ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުން.
- ކޯޓަށް ގަޑިއަށް ހާޒިރުވުން.
- ބޭސްފަރުވާ ހޯދުމަށް ފިޔަވައި ހަވީރު ހަޔަކުން އަނެއް ދުވަހުގެ ހެނދުނު އަށެއް ޖެހުމާ ދެމެދު ބޭރަށް ނުނިކުތުން.
- ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ހާލަތް ފިޔަވައި އެ ނޫން ހުރިހާ ހާލަތެއްގައި، ކޮންމެ ދުވަހެއްގެ ހެނދުނު 8 އާއި މެންދުރު 12 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން.
- މާލެއިން ބޭރަށް ނުދިއުން.
- މައްސަލާގައި ހެކިބަސްދޭނެކަމަށް ގަބޫލު ކުރެވޭ އެއްވެސް މީހަކާ މުއާމަލާތު ނުކުރުމާއި ބައްދަލު ނުކުރުމާއި ހެކިންނަށް ނުފޫޒު ނުފޯރުވުން.
ޕީޖީ އޮފީހުން ބުނީ، ފަވާޒުގެ މައްޗަށް ކޯޓުން ކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަރެކްޝަނަލް ސާވިސް އާއި ފުލުހުން ކަށަވަރު ކުރާނެ ކަމަށެވެ.
"އަދި ހަސަން ފަވާޒުގެ މައްޗަށް ކޮށްފައިވާ ޝަރުތަކާ ހިލާފުވެއްޖެ ނަމަ، އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް މި އޮފީހުން ކޯޓުގައި އެދޭނަމެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.
އެ އޮފީހުން ބުނި ގޮތުގައި، ފަވާޒުގެ ބަލި ހާލަތާ ގުޅިގެން ޑޮކްޓަރުން ދީފައިވާ ލަފަޔާއި ބަލީގެ ހައްސާސް ކަމަށް ރިއާޔަތްކޮށް، ގާނޫނުއަސާސީގެ 21 ވަނަ މާއްދާ އިން ލިބިދީފައިވާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން، ޝަރުތުތަކާ އެކު އޭނާ ބަންދަށް ލުއިދިނުމަށް މި އޮފީހުން ކްރިމިނަލް ކޯޓުގައި އެދުނީ އެވެ.