ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ އެކަކު ސިއްހީ ހާލަތަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލައިފި އެވެ.

އޭޕްރީލް، 2023 ގައި ނައީމާ ދިރިއުޅުނު ގޭގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި އެރަށު ފެހިވިލާގޭ އަޒުހަމް އަބްދުއްޝުކޫރާއި އެރަށު ވިނަރެސް، ހަސަން ފަވާޒުގެ މައްޗަށެވެ.

އޭގެ ތެރެއިން ފަވާޒު ބަންދުން ދޫކޮށްލަން ނިންމީ އޭނާގެ ސިއްހީ ހާލަތާ ގުޅިގެން ޖަލުގައި ބަހައްޓައިގެން ފަރުވާ ދިނުމަށް ހުރަސް އެޅެމުންދާ ކަމަށް ކަރެކްޝަންސްއިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންގުމުން އެ އޮފީހުގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުންނެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ފަވާޒު ބަންދުން ދޫކޮށްލީ ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމާއި މާލެ ސަރަހައްދުން ބޭރަށް ނުދިއުމާއި ކޮންމެ ދުވަހަކު ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ، ސޮއި ކުރުމަށާއި ފަރުވާއާ ބެހޭ ލިޔުންތައް ކޮންމެ 15 ދުވަހަކުން ފޮނުވުމަށް ޝަރުތުކޮށް ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން އެއިން ޝަރުތަކާ ހިލާފްވެއްޖެނަމަ ފަވާޒް އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުގައި އެދޭނެ އެވެ.