ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ޖަންކްޝަންތަކުން ނަޖިސް ލީކުވަނީ ނެޕީ އާއި ކޮންކްރީޓް ކުނޑި ފަދަ އެކި ކަހަލަ ކުނި އަޅާތީ ބެނދިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ފްލެޓުތަކުގެ 11، 12، 15 އަދި 16 ވަނަ ޓަވަރުގެ ޖަންކްޝަންތަކުން ނަޖިސް ލީކުވާ މައްސަލަ މިދިޔަ ފެބްރުއަރީ މަހު ވެސް ފެންމަތިވި އެވެ. އޭރު އެ މައްސަލަ ހައްލުކޮށްފައި ވަނިކޮށް އަނެއްކާވެސް ސޯޝަލް މީޑިއާގައި ދައުވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި ފްލެޓެއްގެ ޖަންކްޝަނުން މުޅި ސަރަހައްދަށް ނަޖިހާ އެކު ފެންގަނޑު އޮތީ ލީކުވެފަ އެވެ.
އެ ނަޖިސް ފެންގަނޑު މަގާ ހިސާބަށް ފެތުރިފައި އޮތެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، "މިހާރު" އަށް ވިދާޅުވީ މިދިޔަ ހަތަރު ހަފްތާގެ ތެރޭގައި އެ މައްސަލަ ތިން ފަހަރަށް ހައްލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ދިމާވަނީ ޕެޑާއި ނެޕީ އާއި ކޮންކްރީޓު ކުނޑި ފަދަ އެކި އެއްޗެހި އަޅާތީ ޖަންކްޝަން ބްލޮކްވެގެން ކަމަށް ހަމްދާން ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވި ގޮތުގައި އެންމެ ފަހުން ޖަންކްޝަން ސާފުކުރި ފަހަރު ވެސް އެތަނުން 28 ނެޕީ ނަގާފައިވެ އެވެ. އަދި ފްލެޓުތައް ހަވާލުކުރިއިރު އޭސީ ޕްރޮވިޝަންސް ކަވަރުކޮށްފައި ހުންނާނީ ޕީޔޫ ފޯމުން ކަމަށާއި އެކަމަކު އެތަން ލިބުނު މީހުން ވަނީ އެ ފޯމުތައް ނަގައި އުކާލުމުގެ ބަދަލުގައި ފާހާނާ ތެރެއަށް ފްލަޝްކޮށްފައި ކަމަށް ހަމްދާން ވިދާޅުވި އެވެ. އޭގެ ސަބަބުން ވެސް ޖަންކްޝަން ބްލޮކްވެ އެ މައްސަލަ ދިމާވާކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ޖަންކްޝަންތަކުން ލީކުވާން ފެށި އިރު އަދި އެތަނުގައި މީހުން އުޅެން ފެށިތާ ހައެއްކަ މަސް ވެސް ނުވެ އެވެ.
ފަހި ފްލެޓުތަކަށް މީހުން ދިރިއުޅުން ބަދަލުކުރުމުގެ ތެރޭގައި އުފެދޭ ކުނިތައް ވެސް ޓަވަރުތަކުގެ ތިރިން އެތަން މިތަނަށް އަޅާ މައްސަލަ ބޮޑުވެފައިވެ އެވެ.