ގިރާވަރުފަޅުން ގޯތި ހަވާލުކުރުމުގެ މަސައްކަތް އަންނަ ޖޫން މަހު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް އެޕްރީލް މަހު ނިމޭނެ ކަމަށެވެ.
އެއާއެކު ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ގިރާވަރުފަޅުން ބިން ދޫކުރަން ހަމަޖެހިފައިވަނީ ކުރީގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށެވެ. ނަމަވެސް އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާއެކު ބައެއް ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމުގެ ފުރުސަތު ވެސް ސަރުކާރުން ހުޅުވާލި އެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާއިރު ގިރާވަރުފަޅުން 4،072 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.
ގިރާވަރުފަޅުގެ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލު:
- 1،250 އަކަފޫޓުގެ 2،605 ގޯތި
- 1،650 އަކަފޫޓުގެ 1،213 ގޯތި
- 2،050 އަކަފޫޓުގެ 253 ގޯތި
- 2،450 އަކަފޫޓުގެ އެއް ގޯތި
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ދެ ޑްރެޖަރު އަންނަނީ ބޭނުން ކުރަމުންނެވެ. އެއީ ކުއީން އޮފް ނެދަލޭންޑްސް އާއި އޮރޭންޖް ޑްރެޖަރެވެ.
މިގޮތުން ކުއީން އޮފް ނެދެލޭންޑްސްއަކީ 35,500 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ގާބިލުކަން ހުރި ބިޔަ ޑްރެޖަރެކެވެ. އޮރޭންޖްއަކީ 22,000 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.