ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ، ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އެ ދުވަހުން ފެށިގެން އަންނަ މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް ކަމަށެވެ.

މި އަހަރު އިނާމަށް ނަން ހުށަހެޅޭނީ ރައީސް އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް އެކަންޏެވެ.

ގައުމީ އިނާމަށް މި އަހަރު ހުޅުވާލާން ނިންމާފައި ވަނީ 39 ދާއިރާއަކުންނެވެ. މި އަހަރު ވެސް ގައުމީ އިނާމަށް މި ދާއިރާތަކުން ނަން ހުށަހެޅޭނެ އެވެ.

  • އަމިއްލަ މީހުން 
  • ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ މީހުން
  • ކުންފުނި، ޖަމިއްއްޔާ ޖަމާއަތްތައް
  • ސަރުކާރުގެ އިދާރާތަކުން
  • މިނިވަން މުއައްސަސާތަކުން

ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމަށް ފަހު، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށެވެ. އެ ފުރުސަތު ހުޅުވާލަން ނިންމާފައި ވަނީ މޭ މަހުގެ ހަ ވަނަ ދުވަހެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއާ އެކު އިނާމު ދިނުން މި އަހަރު އޮންނާނީ އޮގަސްޓު މަހުގެ 14 ވަނަ ދުވަހެވެ. މިއީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ޒިކުރާ އާ ކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

މި އިނާމު ގައުމީ ދުވަހު ދޭ ގޮތަށް ބަދަލުކުރީ، ގައުމީ އިނާމަކީ ގައުމަށް ތަފާތު އެކި ރޮނގުރޮނގުން ހިދުމަތްކުރާ ބޭފުޅުންގެ އަގު ވަޒަންކުރަން ދޭ އިނާމަކަށްވާތީ، މި އިނާމު ދިނުމަށް އެންމެ އެކަށީގެން ވަނީ ގައުމީ ދުވަހު ކަމަށް ވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރަސްމީ ސިފައެއްގައި ގައުމީ ދުވަސް ފާހަގަކުރާތާ 75 އަހަރުވީ ނަމަވެސް، ގައުމީ އިނާމު ދޭން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި 1979ގަ އެވެ. މިއީ ގައުމީ އިނާމުދެމުން އަންނަތާ 47 ވަނަ އަހަރެވެ.