އަދުލުއިންސާފު ގާއިމްކުރަން މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ކަމަށާއި އެކަމާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރާ ބިލް އޮތީ ފަހުގެ މަރުހަލާގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ މަރުގެ އަދަބު ދިނުމަކީ މިއަދާ ހަމައަށް ވެސް ތަންފީޒުނުވެ އޮތް ކަމެއް ކަމަށެވެ. އެކަމަކު، އެއީ ހަމައެކަނި ހަދާ އުސޫލަކުން ނޫނީ ގަވައިދަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދެމެހެއްޓުމުންނެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު މިހާރު ވެސް އެބަތިއްބެވެ. އަދި ފަހުގެ ތާރީހެއްގައި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒެއް ނުކުރެ އެވެ.

ރައީސް މުއިއްޒު މިއަދު ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލް ތައްޔާރުކުރުން މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށެވެ. އެ މަސައްކަތް ނިންމައި، ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލް ހުށަހަޅާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑު ހިތުން އަދުލުއިންސާފު ގާއިމްކުރުމަށްޓަކައި އަދި ސޯޝަލް ޖަސްޓިސް ގާއިމްކުރަން ކުރަންޖެހޭ ކަމެއް. އިސްލާމީ ގައުމެއްގައި، އެ އޮންނަ އުސޫލެއްގެ މަތިން ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނަ ހާލަތުގައި އެކަން ހިފެހެއްޓުމަކީ ދައުލަތަކަށް ވެސް އޮތް ޗޮއިސެއް ކަމަށް ގަބޫލެއް ނުކުރަން. އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެއީކީ ހިފެހެއްޓޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކޮށް ތަސްދީގުކުރުމުން، ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ އެންމެންގެ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.