ލ. މުންޑޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ މުހައްމަދު ޝަނޫންގެ މަރުގެ ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
މާޗް 2015 ގައި މުންޑޫގައި ހިންގި މާރާމާރީއެއްގައި އެ ރަށު ނޫވިލު، ޒިޔަދަމަށް ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މައްސަލާގައި ގަސްދުގައި މީހަކު މެރުމުގެ ކުށް އެ ރަށު ހީނާވިލާ ޝަނޫނާއި އަދި އެކަމުގައި އެހީތެރިވުމުގެ ކުށް އެ ރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ކުށް ސާބިތުވާތީ ޝަނޫން މެރުމަށާއި ސިފާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2023 ވަނަ އަހަރު އޮތީ ހުކުމްކޮށްފަ އެވެ.
ޝަނޫން މެރުމަށް ކުރި ހުކުމް ކަށަވަރުކުރަން ދައުލަތުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް އިއްވުމަށް ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު ހުޒައިފާ މުހައްމަދު ވިދާޅުވީ ޒިޔަދަމަށް ތޫނު އެއްޗަކުން ޝަނޫން ހަމަލާދިންކަން ސާބިތުވާ މިންވަރުގެ ހެކި ދަށު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ޒިޔަދަމަށް ޝަނޫން ހަމަލާދިން މަންޒަރު ފެނުނު ކަމަށް ހެކިން ހެކިބަސް ދީފައިވާއިރު، ހަމަލާދިން ތަނުގައި ޒިޔަދަމްގެ ލޭގެ އިތުރުން ޝަނޫންގެ ލޭ ވެސް ހުރިކަން ހެކިތަކުން އެނގޭ ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވި އެވެ.
ފަނޑިޔާރު ހުޒައިފާ ވިދާޅުވި ގޮތުގައި ޒިޔަދަމަށް ހަމަލާދިނީ ތޫނުު އެއްޗަކުން ކަމަށް ވާތީ ޝަނޫންގެ ކިބައިގައި ޒިޔަދަމް މެރުމުގެ ގަސްދު އޮތްކަން ސާބިތުވެ އެވެ. ދަށު ކޯޓުގައި ޝަނޫނަށް ލިބެންޖެހޭ ހުރިހާ ހައްގުތަކެއް ލިބިދީފައިވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ޒިޔަދަމްގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައި ވާއިރު، ޝަނޫންގެ ކިބައިން މަރަށް މަރު ހިފުން މަނާވާ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އެހެންވެ، ޝަނޫން މަރަން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވި ފަނޑިޔާރު ހުޒައިފާ ވިދާޅުވި އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އިބްރާހިމް މާހިރު އެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ އެވެ.
ޝަނޫން މެރުމަށް ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓިއިރު، އެ މައްސަލާގައި ސިފާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ވެސް ހައި ކޯޓުން ކުރިން އޮތީ ދަމަހައްޓައިފަ އެވެ.
ޝަނޫން މެރުމަށް ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓި ނަމަވެސް އެ ހުކުމް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓައިފިނަމަ އެވެ.