މީގެ ހަތް އަހަރު ކުރިން ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި މީހަކު މަރައިލި މައްސަލާގައި ފަރިޔާޒް އަހުމަދު މެރުމަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
މާމެންދޫގައި 2006 ގައި ހިންގި މާރާމާރީއެއްގައި ގއ. ވިލިނގިލީ ކަނޑުއޮޅި، މުހައްމަދު ޝިހާބު މަރައިލި މައްސަލައިގައި ފަރިޔާޒް މެރުމަށް ކުރީގެ ޖިނާއީ ކޯޓުން ހުކުމްކުރީ 2008 ގަ އެވެ. އެ މައްސަލަ ފަރިޔާޒްގެ ފަރާތުން އިސްތިއުނާފް ކުރީ އިސްތިއުނާފް މުއްދަތު ހަމަވި ފަހުން މިދިޔަ އަހަރު އެވެ.
ފަރިޔާޒް މިނިވަންކުރީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައި ނެތުމާއި ހެކިންގެ ހެކިބަހުގައި ހުރި މައްސަލަތަކާއި ހެކިބަސް ނެގުމުގައި ދަށު ކޯޓުން އަމަލުކުރި އުސޫލުގެ ސަބަބުންނެވެ. ފަރިޔާޒް އެ މާރާމާރީގައި ބައިވެރިވި ކަމަށް ޖިނާއީ ކޯޓުގައި ހެކިބަސް ދިން ގިނަ ހެކިން ބުނެފައި ނުވާ އިރު އޭނާ އެކަމުގައި ބައިވެރިވި ކަމަށް ހެކިބަސް ދިން އެއް ހެކިވެރިއެއްގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ކޯޓަށް ހާޒިރު ކުރުމެއް ނެތި ބައެއް ހެކިންގެ ހެކިބަސް ނަގާފައިވާތީ ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ފަރިޔާޒަށް ގެއްލިފައި އޮތްކަން ވެސް ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވެ އެވެ.
ފަރިޔާޒްގެ އިތުރުން އެ މައްސަލާގައި އިތުރު ތިން މީހަކު މެރުމަށް ވެސް އޭރު ޖިިނާއީ ކޯޓުން ހުކުމްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެކަކުގެ ޝަރީއަތް ގޯސްކޮށް ހިންގާފައިވާތީ އެ ޝަރީއަތް އަލުން ހިންގަން ހައި ކޯޓުން 2013 ގައި އަމުރު ކުރުމުން ކްރިމިނަލް ކޯޓުގައި އެ ޝަރީއަތްް މިހާރު ދަނީ ހިންގަމުންނެވެ.
ފަރިޔާޒަކީ 2014 ގައި މާފުށީ ޖަލުން ފިލި މީހެކެވެ. ނުރައްކާތެރިި ކުށްވެެރިޔާ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާ އެކު ފިލައިގެން އުޅެނިކޮށް ފަރިިޔާޒް އަތުލައިގަތީ ވަރުގަދަ އޮޕަރޭޝަނެއްގައި މާލެއިންނެވެ.