މާލޭގައި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި މިއަދު އެދެފި އެވެ.
މާފަންނު މުރަނގަ މަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ފެބްރުއަރީ، 2023 ގައި ސ. ހިތަދޫ އިރުމީޒު މުހައްމަދު އަހުމަދުދީދީ (ނައުއްޓެ) ހުއްޓާ އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. މަރަދޫފޭދޫ ރަށްދެބައިގޭ އިބްރާހިމް ފައިހް ނިޒާމާއި ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީގެ މައްޗަށެވެ.
މިދިޔަ އޭޕްރީލް މަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން، ޖުމްލަކޮށް ދައުލަތުން އެ ދެ މީހުންނާ ދެކޮޅަށް ހުށަހެޅީ ހަމައެކަނި ގަރީނާތަކެކެވެ. އަދި ސީދާ ހެކިބަހެއް ލިބެން ނެތްއިރު، ދައުލަތުން ހުށަހެޅީ ކުށް ސާބިތުވާނެ ކަމުގެ އިސްތިންބާތު (އިންފަރެންސް) އެއް ނެގުމަށް ނެގިދާނެ ކަންތައްތަކެއް ކަމަށާއި ނަމަވެސް ހެކީގެ ޗޭނުގެ ބޮޅުތައް ގުޅުވާލެވިފައިނުވާ ކަމަށް ހުކުމްގައިވެ އެވެ.
އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި އެ މައްސަލާގައި މިއަދު ހައި ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ ހައި ކޯޓުގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދު ކުރަން އެދިފަ އެވެ.
އެގޮތަށް ހުށަހަޅާފައިވަނީ އެ ދެ މީހުންގެ މައްޗަށް ވެސް ކުރެވެނީ ނުރައްކާތެރި ކުށެއްގެ ތުހުމަތަކަށް ވެފައި، އެމީހުންގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި ހުށަހަޅާފައިވާތީ ކަމަށް ބުނެ އެވެ. އަދި އެ ދެ މީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކާ އޮތް ކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.
ޝަރީއަތް ނިމެންދެން ބަންދު ކުރަން ހުށަހަޅާފައިވާތީ، އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ސިރުހާން އަދި ފައިހްއަށް ފުރުސަތު ދިނުމުން އެ ދެ މީހުން ވަނީ ގާނޫނީ ވަކީލަކު ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ވަކީލުންގެ އަގު މިހާރު ވަރަށް ބޮޑު ކަމަށާއި އަދި އެކަމަށް ބޭނުންވާ ފައިސާ އެއްކުރަން ހަތަރު މަހުގެ މުއްދަތެއް ދިނުމަށް އެމީހުން އެދުނެވެ.
ނަމަވެސް އެ މައްސަލަ ހައި ކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އެ ދެ މީހުންނަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ. އަދި އެ މުއްދަތުގައި ވަކީލަކު ހަމަނުޖެހިއްޖެނަމަ، އަމިއްލައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވެސް އެންގި އެވެ.