ހުސައިން ވަހީދު މަރާލި މައްސަލާގައި މީހަކަށް އިއްވި މަރުގެ ހުކުމެއް ދަމަހައްޓައިފި

މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ ހުސައިން ވަހީދު މަރާލި މައްސަލާގައި އެކަކު މެރުމަށް ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.


ޑިސެމްބަރު، 2013 ގައި މ. އައިޝާ، ހުސައިން ވަހީދަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި، އޭރު އުމުރުން 18 އަހަރު ނުފުރި ތިބި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު ހުކުމްކުރި އެވެ. އޭގެ ތެރެއިން އެކަކުގެ މަރުގެ ހުކުމަށް ހައި ކޯޓުން ކުރިން އޮތީ ތާއީދުކޮށްފަ އެވެ. އެ ދެ މީހުންނަށް މިހާރު އުމުރުން 18 އަހަރު ފުރިފައި ވިޔަސް، އެ މީހުންގެ މައުލޫމާތު އާންމު ނުކުރީ އެ މީހުން އެ ކުށްކުރީ ކުޑަކުދިންގެ ގޮތުގައި ތިބެ ކަމަށްވާތީ އެވެ.

މަރަން ހުކުމްކުރި ދެވަނަ މީހާގެ ފަރާތުން ވެސް އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އިތުރު މީހަކާ އެކު ސައިކަލެއްގައި ގޮސް އޭނާ ހުސައިން ވަހީދަށް ވަޅިން ހަމަލާދިން ތަން ފެނުނު ކަމަށް ދައުލަތުން ހުށަހެޅި ހެކިންގެ ބަހުން އެނގެން އޮންނަ ކަމަށެވެ. އަދި ހުސައިން މަރުވެފައި ވަނީ އެ މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ސަބަބުން ކަން އޭނާ ބެއްލެވި ޑޮކްޓަރުގެ ހެކިބަހުންނާއި އޭނާގެ މަރު ސާބިތު ކުރުމުގެ ލިޔުމުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެ ހަމަލާ ދިނުމުގައި ބޭނުން ކޮށްފައި ވަނީ ވަޅިއެއް ކަން ފާހަގަކޮށް، ހުކުމުގައި ވަނީ ވަޅި އަކީ މީހަކު މަރާލެވިދާނެ ފަދަ ހަތިޔާރެއް ކަމަށާއި ހުސައިންގެ މެޔަށް ވަޅިން ހަމަލާދިން ދިނުމަކީ އޭނާ މަރާލުމުގެ ނިޔަތުގައި ދިން ހަމަލާއެއް ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި ވެސް، މަރުގެ މައްސަލަތަކުގައި ނިޔަތް ދެނެގަތުމުގައި އެކަމުގައި ބޭނުންކުރި ހަތިޔާރާއި ހަމަލާދިން ތަނާއި ހަމަލާދިން ގޮތަށް ބަލަން ޖެހޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ގަސްދު މަރުގެ މައްސަލަތަކުގައި ގާތިލުގެ ކިބައިން މަރަށް މަރު ހިފުން ނުވަތަ މަރުގެ ދިޔަ ހޯދުން ނުވަތަ ގާތިލަށް މައާފް ދިނުމުގެ ބާރު މަރުވި މީހާގެ ވާރިސުންނަށް އޮންނައިރު، ހުސައިންގެ ވާރިސުންގެ ތެރެއިން ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާ ކަން އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ޖިނާއީ މައްސަލަތަކުގެ ތެރެއިން ހައްދާއި ގިސާސްގެ މައްސަލަތަކުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމެއް ސާބިތުވެގެން ނޫނީ ކުށް ސާބިތުވާ ކަމަށް ނުނިންމޭނެ ކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ ޖިނާއީ މައްސަލަތަކުގައި ހުށަހަޅާ ހެކިންނަކީ ހެކިންގެ ކިބައިގައި ހުރުން ގާނޫނީ ގޮތުންނާއި ޝަރުއީ ގޮތުން ފުރިހަމަވާންޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އެގޮތުން ހެކިންނަކީ ބުއްދި ސަލާމަތުން ތިބި އަދި ތަންދޮރު ވަކިވާ ބަޔަކަށް ވުމާއި އަމިއްލަ އިހްތިޔާރުގައި ހެކިބަސް ދޭ ބަޔަކަށް ވާން ޖެހޭއިރު، އެ މީހުންނަކީ ބޮޑެތި ފާފަތަކަށް އަރައިގެންފައިވާ މީހުން ހެކިބަސް އިސްލާމީ ޝަރީއަތުގައި ގަބޫލު ނުކުރެވޭނެ ކަން އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ދެ ހެކިވެރި އަކީ ބައެއް ކުށްތަކުގެ ރެކޯޑް އޮންނަ ފަރާތްތަކެއް ކަން އެނގެން އޮތުމުން އެ މައްސަލަ ސާބިތު ކުރުމުގައި އެ ދެ ފަރާތުގެ ހެކިބަހަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ. އެކަމަކު އެ މައްސަލައިގައި ދެން ތިބި ހެކިންގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށާއި އެ މީހުންގެ ހެކިބަހަށް ބަލާއިރު ހުސައިން ވަހީދަށް އެ މީހާ ހަމަލާދިން ކަން ސާބިތުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އިސްލާމީ ޝަރީއަތުގައި ބާލިޣުވެ، ބުއްދި ސަލާމަތުން ހުރި މީހުން ކުރާ ކުށުގެ މަސްއޫލިއްޔަތު އެ މީހަކު އުފުލަން ޖެހޭނެ އެވެ. އެ ހާދިސާ ހިނގިއިރު، އޭނާގެ އުމުރުން އޭރު 17 އަހަރު ފުރިފައިވާ ކަމަށާއި އުމުރުން 15 ފުރިފައިވާ ކޮންމެ ކުއްޖަކީ ބާލިޣުވެފައިވާ މީހެއް ކަމަށް ބެލެވޭނެ ކަމަށް ސުންނަތް ޖަމާއަތުގެ އިލްމުވެރިން ވިދާޅުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ރާއްޖޭގައި މިހާރު އަމަލުކުރާ ގާނޫނުތަކަށް ބަލާއިރު ވެސް އުމުރުން 15 އަހަރު ފުރިފައިވާ ކުދިން ޖިނާއީ ކުށްތަކުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ ކަން އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ހުކުމުގައި ވަނީ އޭނާ މެރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަހީދެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދު އޮންނަ ގޮތުން މަރުގެ އަދަބެއް ތަންފީޒު ކުރެވޭނީ އެ ހުކުމެއްގެ އިސްތިއުނާފް ހުރިހާ މަރުހަލާއެއް ނިމުމުންނެވެ.