ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓިއޯ އިން ވިއްކާ ތެލަށް މިއަދުން ފެށިގެން ސަބްސިޑީ ދޭން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން ވައުދުވީ ބޮޑުކަންނެލި މަސްވެރިންނަށް ހުޅުމާލޭގެ ކަންނެލި ޖެޓީގައި އެފްއެސްއެމް އިން ބަހައްޓާފައި ހުންނަ ޝެޑުން ސަބްސިޑީ އަގެއްގައި ތެޔޮ ވިއްކުމަށެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ހުޅުމާލޭގައި ހުންނަ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ، ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ވަރުގަދަ ހަމަލަތަކާ އެކު، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވީ ނަމަވެސް ހެޔޮ އަގުގައި ދިވެހިންނަށް ތެޔޮ ވިއްކުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އަގުބޮޑު ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދީފަ އެވެ.
އެސްޓީއޯ އިން މިވަގުތު ޕެޓްރޯލް ލިޓަރެއް ވިއްކަނީ 16.01ރ. އަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 17.54ރ. އެވެ.
ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެސްޓީއޯ އިން އަންނަނީ ރާއްޖެ އަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނެ ގޮތަށް ދަމަހައްޓަމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.