ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ގާއިމްކުރުމަށް ދޫކުރާ ލޯނު، ރަހުނަކާ ނުލައި ހަތަރު މިލިއަން ރުފިޔާއާ ހަމައަށް ލިބޭ ގޮތަށް ބޮޑުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ސަރުކާރު ވެބްސައިޓުގައި މިއަދު ބުނީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ ގޮތުން ދޫކުރަމުން އަންނަ ރެފްރިޖަރޭޓެޑް ސީ ވޯޓާ (އާރްއެސްޑަބްލިއު) ފައިނޭންސިން ފެސިލިޓީގެ ލިމިޓް، އެއްވެސް ރަހުނަކާ ނުލައި ހަތަރު މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ގޮތަށް އިތުރުކޮށް، އުޅަނދުތަކުގައި އިންޖީނު އެޅުމަށް ވެސް ފައިނޭންސް ދޫކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އެ ލޯނު ސްކީމަކީ ފިޝަރީޒް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ލައިވްސް އެންޑް ލައިވްލިހޫޑް ފަންޑް (އެލްއެލްއެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިނިސްޓްރީން ބުނީ އެ ލޯނު މިހާތަނަށް ދޫކުރަމުން އައީ މަސްދޯނިފަހަރުގައި އާރްއެސްޑަބްލިއު ސިސްޓަމާއި ޖެންސެޓް އަދި ސޯލާ ޕެނަލް ހަރުކުރުމަށް ކަމަށެވެ. ނަމަވެސް، އަލަށް ގެނެވުނު ބަދަލާ އެކު، އުޅަނދުތަކުގައި އަލަށް އިންޖީނު އެޅުމަށާއި އިންޖީނު ބަދަލުކުރުމަށް ވެސް ލުއި ގޮތެއްގައި އެ ލޯނުގެ ދަށުން ފައިނޭންސް ހަމަޖެހޭނެ ކަމަށެވެ.
އެ ލޯނުގެ ދަށުން ރަހުނަކާ ނުލައި ހަތަރު މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރަނީ އަހަރަކު ހަ ޕަސެންޓުގެ ފައިދާގެ ރޭޓެއްގައި ކަމަށާއި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، އޭގެ ތެރޭގައި ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ލޯނު ފެސިލިޓީގެ މައިގަނޑު މަގުސަދަކީ މަސްވެރިން އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކޮށްދީ، ބާނާ މަހުގެ ތާޒާކަން ދަމަހައްޓައި ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.