ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ގާއިމްކުރުމަށް 51 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ. 

ފިޝަރީޒް މިނިސްޓްރީން "ސަރުކާރު" ވެބްސައިޓުގައި ބުނީ އާރުއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް 90 ފަރާތަކުން އެދިފައިވާއިރު އޭގެ ތެރެއިން 45 ފަރާތެއްގެ ހުށަހެޅުން އެޕްރޫވްކޮށްފައިވާ ކަމަށެވެ.

ރައީސް އޮފީހުގައި މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވާ ގޮތުގައި، ދޯނިފަހަރުގައި އާރުއެސްޑަބްލިޔު ސިސްޓަމް ގާއިމްކުރުމުން މަސްވެރިން އައިސް ހޯދަން ކުރާ ހަރަދު ނިމުމަކަށް އަންނާނެ އެވެ. އޭރުން އައިސް ހޯދުމަށް ރަށްރަށަށް ދުއްވާކަށް ނުޖެހޭނެ އެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިން އެންމެ ބޮޑު ހޭދައެއް ކުރަނީ ތެލަށް ކަމަށާއި އެ ސިސްޓަމް ގާއިމްކުރުމުން މަސްވެރިން ތެލަށް ކުރާ ހަރަދު ވެސް ކުޑަކުރެވޭނެ ކަަމަށެވެ.

ފިޝަރީޒް މިނިސްޓްރީ އާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އިތުރު ލުއިތަކަކާ އެކު، އެ ލޯނަށް އެދުމުގެ ފުރުސަތު ވެސް ސަރުކާރުން ވަނީ ހުޅުވާލައިފަ އެވެ.

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރުމަށް ބަލާ ކުރެޑިޓް ހިސްޓްރީ މިންގަނޑު އެއް އަހަރުގެ މުއްދަތަކުން ތިން މަސްދުވަހަށް މިހާރު ވަނީ ކުޑަ ކޮށްފަ އެވެ. އަދި އަލަށް ބަންނަ ދޯނިތަކުގައި ވެސް އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނަށް އެދި ހުށަހެޅޭނެ އެވެ.

މިނިސްޓްރީން ބުނީ އެ މުއްދަތުގެ ތެރޭގައި ނަގާފައިވާ އެއްވެސް ލޯނެއް ނުދައްކާ ނުވަތަ އެއްވެސް އިތުރު މައްސަލައެއް އުޅޭ ނަމަ، އެ ފަރާތެއް އެ ލޯނަށް ޝަރުތު ހަމަނުވާނެ ކަމަށެވެ. އެ ލުއިތަކާ އެކު، ކަނޑައަޅާފައިވާ މުއްދަތުގައި ގަވާއިދުން ލޯނުތަކަށް ފައިސާ ދައްކަމުންދާ ނަމަ، ލޮނުފެނުން މަސް ފިނިކުރާ ނިޒާމުގެ ފައިނޭންސިންއަށް ޝަރުތު ހަމާވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.