މަސްވެރިކަމުގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން 89 މަސްވެރިއަކަށް ލޯނު ދޫކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން "ސަރުކާރު" ވެބްސައިޓުގައި ބުނީ މަސްވެރިންނަށް ލޯނު ދޫކުރަން ފެށިފަހުން މަސްވެރިކަމުގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 89 މަސްވެރިއަކަށް ލޯނު ދީފައިވާ ކަމަށެވެ.

ސަރުކާރުން އެ ލޯނުތައް ދޫކުރަނީ ގައުމީ ބޭންކް، ބީއެމްއެލްގެ މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ.

މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި ލޯނު ލިބޭ ހަމަޖައްސައިދިނީ މިދިޔަ އަހަރު އޭޕްރީލް 28 ގަ އެވެ. މަސްވެރިކަމުގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް ލޯނު ދޫކުރަން ފެށީ މިދިޔަ އަހަރު މެއި މަހުން ފެށިގެންނެވެ. 

އެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ މީހުންގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިން އާއި ކްރެޑިޓް ކާޑު އަދި ގެދޮރު ލޯނު ކަހަލަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތައް  ވެސް ލިބެ އެވެ. ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލައި 300,000ރ. އާ ހަމައަށް ޕާސަނަލް ފައިނޭންސިން ނުވަތަ ލޯނު ލިބެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މުއައްސަސާތަކާއި ބޭންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ލިބޭ މާލީ އެހީތެރިކަން ނިޒާމީ ގޮތެއްގައި މަސްވެރިންނަށް ހޯދާ ދިނުމަށް ސަރުކާރުން ކުރަމުން އަންނަ އެންމެ ބޮޑު އެއް މަސައްކަތަކީ މަސްވެރިން ދަފްތަރުކުރުމުގެ މަސައްކަތް ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން މަސްވެރިންގެ ގައުމީ ދަފްތަރެއް ސަރުކާރުން މިދިޔަ އަހަރު ފެބްރުއަރީ މަހު ވަނީ އިފްތިތާހުކޮށްފަ އެވެ.