މަސްވެރިން ކަނޑު މައްޗަށް ނުކުމެ ކުރާ ބުރަ މަސައްކަތުން ބާނާ މަސްކޮޅު ވިއްކާލި ނަމަވެސް ފައިސާކޮޅު އަތަށް އަރަނީ އޭގެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ކްރެޑިޓަށް މަސް ވިއްކައިގެން މަސްވެރިން އެ ފައިސާ ނުލިބި، އެތައް ދުވަހެއް ހޭދަކުރަންޖެހެ އެވެ. މިކަން ބޮޑުވެގެން އެތައް ފަހަރަކު މަސްވެރިން ކަންބޮޑުވުން ފާޅުކުރެ އެވެ. ކޮންމެއަކަސް މިކަމަށް ބޮޑު ފަސޭހައެއް ބީއެމްއެލުން މިވަނީ ހޯދައިދީފަ އެވެ. މަސްވެރިޔާ ކާޑުން މަސްވެރިންނަށް މަސްވިއްކުމުން ވަގުތުން ފައިސާ ލިބުމާއި ފަސޭހައިން އައިސް ގަތުމުގެ އިތުރުން ލިބޭ އާމްދަނީ މަސްވެރިންގެ މެދުގައި ބަހައިލުމަށް ފަސޭހަވެއްޖެ އެވެ.
އިންޓަނެޓް ބޭންކިންގެ ވިއުގައިގެ ތެރެއިން މަސްވެރިންނަށް ހާއްސަ ކާޑެއް ތައާރަފްކޮށްފައިވާ އިރު މަސްވެރިން ބާނާ މަސް ގަތުމަށް މިފްކޯ ފަދަ ކުންފުނިތަކުން ނަގުދު ފައިސާ ނެތިގެން މަސްވެރިންނަށް ފައިސާކޮޅު ނުދެވި ހުންނާކަށް ނުޖެހެ އެވެ. ވަގުތުން އެކައުންޓަށް ފައިސާ ޖަމާކޮށްލެވޭނެ އެވެ. ޑިޖިޓަލް ވޮލެޓަކާ ލިންކުކޮށްފައިވާ މި ކާޑު، ފައިސާ ލިބިގަތުމަށާއި ޚަރަދުތައް ކުރުމަށް ކެޔޮޅުންނާއި ފަޅުވެރިންނަށް ބޭނުންކުރެވޭނެ އެވެ.
މަސްވެރިންގެ އަތުން މަސް ގަންނަ ކުންފުނިތަކަށް މި ޑިޖިޓަލް ވޮލެޓާ އެކު ހިމެނޭ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް އޮޑިވެރިންނަށް ފައިސާދެއްކޭނެ އެވެ. މިއާ އެކު މިފަދަ ކުންފުނިތަކަށް ބޭނުންވާ ނަގުދު ފައިސާގެ މިންވަރު ދަށްކުރެވޭނެ އެވެ.
މަސްވެރިޔާ ކާޑުން ލިބޭ ފަސޭހަތައް
- މަސްވިއްކުމަށް ފަހު ކާޑަށް ފައިސާ ޖަމާކޮށްލެވޭނެ
- މަސްވެރިންނަށް ތެލާއި އައިސް ގަނެވޭނެ
- އޭޓީއެމް އާއި ޕީއޯއެސްގެ ހިދުމަތް ލިބޭނެ
- އޮޑިވެރިޔާގެ ފަރާތުން މަސްވެރިންނަށް ފައިސާ ފޮނުވޭނެ
- އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ
- ރާއްޖެއިން ބޭރުގައި ވެސް ކާޑު ބޭނުން ކުރެވޭނެ
- މަސްވެރިޔާ ކާޑާ އެކު މަސްވެރިންނަށް ލޯނު ހޯދުމަށް ފަސޭހަވާނެ
ބީއެމްއެލުން އަލަށް ތައާރަފްކުރި ކާޑަށް އަހުލުވެރިކޮށް، މަސްވެރިންނަށް ގާތުން ހިދުމަތް ދިނުމަށް ޓަަކައި ބީއެމްއެލް އޭޖެންޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ކާޑަށް އެންމެ ބޮޑު މަގްބޫލު ކަމެއް މިހާތަނަށް ލިބިފައިވަނީ ގއ. ގެމަނަފުށީގެ މަސްވެރިންގެ ފަރާތުންނެވެ. ގެމަނަފުއްޓަކީ ރާއްޖޭގައި ވެސް ނިސްބަތުން އެންމެ ޒުވާން މަސްވެރިން ނިސްބަތްވާ އެއް ރަށެވެ.
އެ ރަށުގެ "އުފާ" ދޯނީގެ ކެޔޮޅު އިސްމާއިލް ޔާމީން ބުނީ، މިފަދަ ކާޑެއް ތައާރަފް ކުރުމުން މަސްވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އަދި މަސްވެރިންނަށް ބޭންކުގެ ހިދުމަތްތައް ހޯދަން ފަސޭހަވާނެ ކަމަށް އޭނާ ބުންޏެވެ.
"ބޭންކުގެ ތެރެއިން ލޯނު ހޯދުމަށް ވަރަށް އުނދަގޫ. މިހާރު މި ކާޑުން އެނގޭނެ މަސްވެރިންނަކީ ވެސް ލާރި ލިބޭ ބައެއް ކަން ބޭންކުތަކަށް،" އޭނާ ބުންޏެވެ.
މީގެ ކުރިން މަސްވެރިންނަށް ބޭންކުން ލުއި ލޯނެއް ވެސް ނުލިބެ އެވެ. މި ކާޑުގެ ސަބަބުން ބޭންކިން ސިސްޓަމްގެ ތެރެޔަށް މަސްވެރިންނަށް ވެސް ވަދެވުނީ އެވެ.
ޔާމީން ބުނީ، މަސްވެރިންނަށް ކްރެޑިޓަށް މަސްވިއްކަން ޖެހުމުގެ މައްސަަލަ އަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެހެން ނަމަވެސް އެކަމަށް އެންމެ ފުރިހަމަ ހައްލެއް ލިބިގެންދާނީ ސަރުކާރުގެ އެހީތެރިކަމާ އެކު ކަމަށެވެ.
އޭނާ ބުނީ، މަސްވެރިންނަށް ފައިސާ ބަހަން މާރު ނުވެގެން މިހާރު އުޅެން ނުޖެހޭނެ ކަމަށެވެ. އަތުގައި ނަގުދު ފައިސާ ގިނައިން ހުރުމުން އެކި ކަންކަމަށް ބޭނުން ކޮށްލެވޭ ގޮތްވާ ކަމަށާއި މިގޮތަށް ކާޑެއްގައި ފައިސާ ޖަމާކުރެވެން ފެށުމުން މަސްވެރިންނަށް ފައިސާ ރައްކާ ކުރެވި ފައިސާ މެނޭޖު ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެނަމަފުށީގެ "ރޯދި" ދޯނީގެ ވެރިޔާ މުހައްމަދު މުއްދަސިރު ވިދާޅުވީ، ކާޑަށް މަސްވެރިން އަދިވެސް ހޭލުންތެރި ކުރަންޖެހޭ ކަމަށާއި ބީއެމްއެލުން ވެސް މިހާރަށް ވުރެ ބޮޑަށް މަސްވެރިން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މަސްވެރިންގެ ގޮތުގައި ޒުވާނުންގެ އިތުރުން އުމުރުން ދޮށީ މީހުން ވެސް ހިމެނޭ ކަމަށާއި މި ހިދުމަތަށް އެފަދަ ފަރާތްތައް ބޮޑަށް ހޭލުންތެރި ކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްދަސިރު ބުނީ، ކާޑުން ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ފައިސާ ބެހުމަށް ހޭދަވާ ވަގުތު ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާންމު ގޮތެއްގައި ހުކުރު ދުވަހު މަސްވެރިންނަށް މި ފައިސާ ބަހަނީ. މި ދޯނީގެ 34 މަސްވެރިންނަށް ފައިސާ ބެހުމަށް ހަތަރު ފަސް ގަޑި އިރު ނަގާ. މިދިޔަ ހުކުރު ދުވަހު ވެސް ދޭއް ޖެހި އިރު ފައިސާ ބެހުމުގެ މަސައްކަތް ފެށި އިރު ކުޑަ އެރާއެއް އަރާއިގެން އެރޭ ހަތެއް ޖަހަންދެން ފައިސާ ބެހުމުގައި އުޅެން ޖެހުނު. ކާޑާ އެކު މިކަމަށް ލުޔެއް ލިބޭނެ ކަމަށް ގަބޫލު ކުރަނީ،" އޭނާ ބުންޏެވެ.
ގެމަނަފުށީގެ މަސްވެރިޔެއް ކަމުގައިވާ ހާލިދު ހުސައިން ވިދާޅުވީ، ކާޑުގެ ފަސޭހަތައް އެންމެ ބޮޑަށް އެނގިގެންދާނީ އެ ބޭނުން ކުރަން ފެށުމުން ކަމަށެވެ.
އޭނާ ބުނީ، މިފަދަ ހިދުމަތަކަށް މަސްވެރިން ހޭލުންތެރި ކަމަށާއި ހާއްސަ ޒުވާން މަސްވެރިންނަށް މީގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނެ ކަމަށެވެ.
ބީއެމްއެލުން ގަބޫލު ކުރާ ގޮތުގައި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ބޭންކިން ހިދުމަތް ވީހާ ވެސް ގާތުން އެންމެންނަށް ފޯރުކޮށްދެވޭނީ ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެންނެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސްވެރިންނަށް ތައާރަފް ކުރި މި ހިދުމަތާ އެކު ރާއްޖޭގެ ބޭންކިން ދާއިރާ ފުޅާވެގެންދާނެ އެވެ.
މަސްވެރިޔާ ކާޑު މެދުވެރިކޮށް ރައްކާތެރިކަމާ އެކު، ނަގުދު ފައިސާއާ ނުލައި ކޮންމެ ވަގުތަކު ކޮންމެތާކު ހުރެގެން ބޭންކިން ހިދުމަތް ހޯދޭނެ އެވެ. މިއީ ހަމަގައިމު ވެސް މުޅި ބޭންކިން ނިޒާމަށް ވެސް ލިބިގެންދާނެ ކުރިއެރުމެކެވެ. ކާޑު ބޭނުން ކުރަން ފެށި އޭގެއިން ފަސޭހަތަކަށް މަސްވެރިންނަށް ލިބެން ފެށުމުން އެތައް އާއިލާތަކަކަށް އޭގެ ފައިދާ ވެސް ލިބިގެންދާނެ އެވެ.