އަންހެން މަސްވެރިންނަށް ވެސް ނަން ހުށަހެޅޭ ގޮތަށް މި އަހަރުގެ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާގައި ހަތަރު ދާއިރާއަކުން އެވޯޑް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ އެވޯޑުގައި އަންހެން ކެޔޮޅުން ވެސް ވަނީ ހިމަނައިފަ އެވެ.

އެވޯޑަށް ކުރިމަތިލެވޭނީ

1. މިހާރު ވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)

2. މިހާރު ވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)

3. އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު

4. މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ހިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު

މިނިސްޓްރީން ވަނީ އެ އެވޯޑުތަކުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މިމަހު 29 ވަނަ ދުވަހުގެ 2:00ގެ ކުރިން ހުށަހެޅުމަށް އެދިފަ އެވެ.

އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމުތައް މިނިސްޓްރީގެ ވެބްސައިޓް www.fishagriocean.gov.mv  އިން ޑައުންލޯޑު ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހަކަށް ވެސް ނަން ހުށަހެޅޭނެ އެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.