މި އަހަރުގެ މަސްވެރިންގެ އެވޯޑަށް ކުރިމަތިލުމަށް ދިން މުއްދަތު ފިޝަރީޒް މިނިސްޓްރީން އިތުރު ކޮށްފި އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 7 ގަ އެވެ. އެ މުއްދަތު އޮތީ އިއްޔެގެ ނިޔަލަށެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

މިފަހަރު ހަތަރު ދާއިރާއަކުން އެވޯޑް ދިނުމަށް ވަނީ ނިންމައިފަ އެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ އެވޯޑުގައި އަންހެން ކެޔޮޅުން ވެސް ވަނީ ހިމަނައިފަ އެވެ.

އެވޯޑަށް ކުރިމަތިލެވޭނީ

1. މިހާރު ވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)

2. މިހާރު ވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)

3. އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު

4. މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ހިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު

އެވޯޑުތަކަށް އެދި ނަން ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ތިން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]  އަށެވެ.

އެ އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހަކަށް ވެސް ނަން ހުށަހެޅޭނެ އެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.