ނިސްބަތުން ޓީބީ މަދު އަދި ހަރުދަނާކަމާ އެކު ފަރުވާ ފޯރުކޮށްދޭ ގައުމަކަށް ވާތީ ރާއްޖެއަކީ ފަހުރުވެރި ގައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން، ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޓީބީ އަކީ ބަލިން ރައްކާތެރިވެ، ފަރުވާ ކުރެވޭނެ ބައްޔަކަށްވިއަސް ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އަދިވެސް އެ ބަލީގެ އަސަރު ކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ބަލި ނައްތާލަން ހަރުދަނާ ސިއްހީ ނިޒާމު ދެނެގަނެ، މުޖުތަމައުގެ ބައިވެރިވުމުގެ މުހިއްމުކަން ފާހަގަކުރެވޭ ކަމަށެވެ.

"ރާއްޖެއަކީ ޓީބީ ބަލި މަދު ގައުމަކަށްވުމާއި ދުރާލާ ބަލި ދެނެގަނެ، އަވަސް ފަރުވާއެއް ހޯދުމާއި ބަލި ދެނެގަތުމުގެ މަގު ފަހިކޮށްދީ، ބަލިން ރައްކާތެރިވުމުގެ ފުރުސަތު ފަހިކޮށްދޭ އަދި ބަލިން ސަލާމަތްވެފައިވާ އާބާދީއަށް ބޭނުންވާ ފަރުވާ ހަރުދަނާކަމާއެކު ފޯރުކޮށްދޭ ގައުމަކަށް ވާތީ ރާއްޖެއަކީ ފަހުރުވެރި ގައުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ޓީބީ ބަލިން ސަލާމަތްވެފައިވާ މުސްތަގުބަލެއް ހޯދަން ސިއްހީ ހިދުމަތްތެރިންނާއި މުޖުތަމައު ގުޅިގެން އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތުގައި ދެމި ހުންނަން އިލްތިމާސްކުރައްވައިފަ އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، ރާއްޖޭގައި 2024 ވަނަ އަހަރު 148 މީހުންނަށް ޓީބީ ޖެހިގެން ރިޕޯޓުކުރި އެވެ. 

ޓީބީ ޖެހެނީ ކިހިނެއް؟ 

އެ ބަލި ޖެހެނީ މައިކޯބެކްޓީރިއަމް ޓިއުބަކިއުލޯސިސް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުންނެވެ. ފުއްޕާމެއަށް އާއްމުކޮށް ޖެހޭ ޓީބީއަކީ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. އެކަމަކު، ޓީބީ ގައިންގަޔަށް ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހި، ކުޅުން ޖަރާސީމު ފެންނަ ބަލި މީހުންގެ ފަރާތުންނެވެ.

ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހުންގެ ތެރެއިން ޓީބީގެ ޖަރާސީމު ކުޅުން ފެންނަ މީހުން ކެއްސައި ކިނބިހި އަޅައި ނުވަތަ ކުޅު ޖެހުމުން ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމުތައް އެހެން މީހެއްގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވާސިލްވެ އެވެ.

ޓީބީއަށް މަދުވެގެން ހަ މަސް ދުވަސް ވަންދެން ފަރުވާ ދެ އެވެ. ފަރުވާގެ މުއްދަތުގައި ފުރިހަމައަށް ފަރުވާކޮށްފި ނަމަ އެއީ ފަސޭހަކުރެވޭ ބައްޔެކެވެ. އަދި ފަރުވާ ފުރިހަމަނުކޮށްފި ނަމަ ބަލީގެ ނުރައްކާ ބޮޑުވެ، ބޭހަށް ނުގުޑާ ޓީބީ ޖެހުމުގެ ފުރުސަތު ވެސް އޮވެ އެވެ. ރާއްޖޭގައި ވެސް 1994 ވަނަ އަހަރުން ފެށިގެން ފަރުވާ ދެނީ "ޑައިރެކްޓްލީ އޮބްޒާވްޑް ޓްރީޓްމަންޓް" އުސޫލުންނެވެ.

ދުނިޔެއިން ޓީބީ ނައްތާލަން ޑަބްލިއުއެޗްއޯއިން ވަނީ އެ ބަލި މަދުކުރަން 2014 ވަނަ އަހަރުގެ އެސެމްބްލީގައި "އެންޑް ޓީބީ" ގެ ނަމުގައި ސްޓްރެޓެޖީއެއް ކަނޑައަޅައިފަ އެވެ.

އެ ސްޓްރެޓަޖީގެ ދަށުން ރާއްޖެއިން ވެސް ވަނީ 2030 ވަނަ އަހަރާ ހަމައަށް ޓީބީ ބަލި އާއްމު ސިއްހަތަށް ނުރައްކާ ނުވާ ވަރަށް މަދުކުރެވިފައިވާ ގައުމެއް ކަމުގައި ކަނޑައެޅުމަށް މަސައްކަތް ފަށައިފަ އެވެ. އޭގެ ތެރެއިން 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ޓީބީގެ އަލާމާތްތައް

- ކުއްލިއަކަށް ބަރުދަން ލުއިވުން

- ވަރުދެރަވުން

- ހީކެރުވުން އަދި އާދަޔާ ހިލާފަށް ދާހިއްލުން

- ހުން އައުން

- މޭގައި ރިއްސުން އަދި ކެއްސާފައި އަންނަ ދަވާގައި ލޭ ހުރުން

- ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވަންދެން ކެއްސުން

ބަލީގެ ނުރައްކާ ބޮޑު މީހުން

- ދިގު މުއްދަތަކަށް ބޭސްކުރާ މީހުން އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން [ހަކުރު ބަލި/ކެންސަރު ބަލި/ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން/އެއިޑްސް ޖެހިފައިވާ މީހުން]

- ބީސީޖީ ވެކްސިން ފުރިހަމަ ނުވާ ފަސް އަހަރުން ދަށުގެ ކުދިން

- ދުންފަތުގެ އިސްތިއުމާލުކުރާ މީހުން

- އުމުރުން ދުވަސްވީ މީހުން

ޓީބީން ރައްކާތެރިވުން

- އަލާމާތްތައް ހުރިނަމަ ވީހާ ވެސް އަވަހަށް ޓެސްޓުކޮށް ފަރުވާ ހޯދުން

- ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ރަނގަޅަށް ނިވާކުރުން

- ބަލި ޖެހިފައިވާ މީހަކު ދިރިއުޅޭނަމަ ގޭގައި ރަނގަޅަށް ވައި ދައުރުވާހެން ބެހެއްޓުން

- ތަންތަނަށް ކުޅު ނުޖެހުން