ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާގައި ހަލުއިކަމާ އެކު، ޓީބީ ފެތުރޭތީ، ރާއްޖޭގައި ރިސްކު އެސެސްމަންޓު ހަދަން ފަށައިފި އެވެ.
އެޗްޕީއޭގެ އޮފިޝަލަކު މިރޭ ވިދާޅުވީ، ރިސްކު އެސެސްމަންޓު ހެދުމަށް ފަހު، އެކަމުގެ ތަފުސީލުތައް ހިއްސާ ކުރާނެ ކަމަށެވެ.
މެލޭޝިއާގެ ހެލްތު މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައި ބުނީ ހަތް ދުވަހުގެ ތެރޭގައި އެކަނި ވެސް އެ ގައުމުން ޓީބީގެ 596 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ކޭސްތަކާ އެކު، ޓީބީ ޖެހިގެން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3،000 އިން މައްޗަށް އަރައިފަ އެވެ.
ޓީބީ ރިޕޯޓުކުރި ހިސާބުތަކުގެ ތެރޭގައި ގިނަ ދިވެހިން ދިރިއުޅޭ ކުއާލަލަމްޕޫރު އަދި ޕުޓްރަޖާޔާ ހިމެނެ އެވެ.
އެ ބަލި ޖެހެނީ މައިކޯބެކްޓީރިއަމް ޓިއުބަކިއުލޯސިސް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުންނެވެ. ފުއްޕާމެއަށް އާއްމުކޮށް ޖެހޭ ޓީބީއަކީ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. އެކަމަކު، ޓީބީ ގައިންގަޔަށް ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހި، ކުޅުން ޖަރާސީމު ފެންނަ ބަލި މީހުންގެ ފަރާތުންނެވެ.
ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހުންގެ ތެރެއިން ޓީބީގެ ޖަރާސީމު ކުޅުން ފެންނަ މީހުން ކެއްސައި ކިނބިހި އަޅައި ނުވަތަ ކުޅު ޖެހުމުން ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމުތައް އެހެން މީހެއްގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވާސިލްވެ އެވެ.
ޓީބީ އަށް މަދުވެގެން ހަ މަސް ދުވަސް ވަންދެން ފަރުވާ ދެ އެވެ. ފަރުވާގެ މުއްދަތުގައި ފުރިހަމަ އަށް ފަރުވާކޮށްފި ނަމަ އެއީ ފަސޭހަކުރެވޭ ބައްޔެކެވެ. އަދި ފަރުވާ ފުރިހަމަނުކޮށްފި ނަމަ ބަލީގެ ނުރައްކާ ބޮޑުވެ، ބޭހަށް ނުގުޑާ ޓީބީ ޖެހުމުގެ ފުރުސަތު ވެސް އޮވެ އެވެ.
ރާއްޖޭގައި ވެސް 1994 ވަނަ އަހަރުން ފެށިގެން ފަރުވާ ދެނީ "ޑައިރެކްޓްލީ އޮބްޒާވްޑް ޓްރީޓްމަންޓް" އުސޫލުންނެވެ.
ދުނިޔެ އިން ޓީބީ ނައްތާލުމަށް ޑަބްލިއުއެޗްއޯއިން ވަނީ އެ ބަލި މަދުކުރަން "އެންޑް ޓީބީ" ގެ ނަމުގައި 2014 ވަނަ އަހަރުގެ އެސެމްބްލީގައި "އެންޑް ޓީބީ" ގެ ނަމުގައި ސްޓްރެޓެޖީއެއް ކަނޑައަޅައިފަ އެވެ.
އެ ސްޓްރެޓަޖީގެ ދަށުން ރާއްޖެއިން ވެސް ވަނީ 2030 ވަނަ އަހަރާ ހަމައަށް ޓީބީ ބަލި އާއްމު ސިއްހަތަށް ނުރައްކާ ނުވާ ވަރަށް މަދުކުރެވިފައިވާ ގައުމެއް ކަމުގައި ކަނޑައެޅުމަށް މަސައްކަތް ފަށައިފަ އެވެ. އޭގެ ތެރެއިން 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.